/ ޖޫން މަހު މީރާއިން 2.92 ބިލިއަން ރުފިޔާ ބަލައިގަނެފި
News Image

ޖޫން މަހު މީރާއިން 2.92 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2026

ޖޫން 2026 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.92 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ޖޫން 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %14.7 އިތުރު އަދަދެކެވެ. އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %10.1 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، ޖޫން 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އަށްވުރެ %14.7 އިތުރުވި މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީ، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކުހުގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. 2026 ވަނަ އަހަރުގެ މޭ މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ %1.7 އިތުރުވުމާއެކު ފަތުރުވެރިކަމާއިގުޅޭ ދައިރާތަކުން ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ (ސީ.އެސް.އާރު)، ރިޒޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ ލިބުނު ފައިސާއަކީވެސް މިމުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. ޖޫން 2026 ގައި ލިބިފައިވާ ޖުމުލަ އާމްދަނީގެ %14.3 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހޭ ފައިސާއެވެ. އަދި އާމްދަނީގެ %23.4 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން މަޢުލޫމާތު ދެއެވެ.

ޖޫން 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖޫން 2026 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީ އާއި ބޭންކް އިންކަމް ޓެކުހުގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ. ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކައިފައިވުމާއި، 2025 ވަނަ އަހަރުގެ ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ސުންގަޑިއަށް ފައިސާދައްކާ ނިންމާފައިވާތީއެވެ. 2025 ވަނަ އަހަރުގެ މޭ މަހާއި އަޅާބަލާއިރު 2026 މޭ މަހުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު %1.5 އިތުރުވެފައިވާތީ ޓުއަރިޒަމް ދާއިރާގެ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ޖޫން 2026 ގައި މީރާއިން ވަނީ ޖުމްލަ 465 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 286 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 79 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 72 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 26 މިލިއަން ރުފިޔާ އަދި އެކްޝަން ޕޮލިސީގެ ތެރެއިން 0.5 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. ހަމައެއާއެކު ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 0.7 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ

ޖޫން 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީ.ޖީ.އެސް.ޓީއެވެ. އެއީ %37.2 ނުވަތަ 1.08 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ  %27.4 ނުވަތަ 799 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން  ރިޒޯޓްތަކުގެ ކުލީގެ ގޮތުގައި 411 މިލިއަން ރުފިޔާ (%14.1) ގްރީން ޓެކުހުގެ ގޮތުގައި 157 މިލިއަން ރުފިޔާ (%5.4)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި135  މިލިއަން ރުފިޔާ (%4.6) އަދި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 134 މިލިއަން ރުފިޔާ (%4.6) ވަނީ ލިބިފައިވެއެވެ.

ޖޫން 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް:

https://www.mira.gov.mv/Files/GetFile/727834d8-cec5-4c5a-84e6-3f0d6323e4e0

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ