/ ޖުލައި މަހު މީރާއިން 3.41 ބިލިއަން ރުފިޔާ ބަލައިގަނެފި
News Image

ޖުލައި މަހު މީރާއިން 3.41 ބިލިއަން ރުފިޔާ ބަލައިގަނެފި

11 އޯގަސްޓު 2026

ޖުލައި 2026 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 3.41 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %0.2 އިތުރު އަދަދެކެވެ. އަދި މި އަދަދަކީ ޖުލައި 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %3.6 ދަށް އަދަދެކެވެ.

ޖުލައި 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖުލައި 2026 ގައި ލިބިފައިވާ އާމްދަނީ %0.2 އިތުރުވި މައިގަނޑު ސަބަބުތަކަކީ، ބޭންކް އިންކަމް ޓެކްސް، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ، އަދި އާންމުދާއިރާގެ ޖީ.އެސް.ޓީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކައިފައިވުމާއި، އިންކަމް ޓެކްސް ލައިބިލިޓީ 2026 ގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ކުރީ އަހަރަށް ވުރެ އިތުރު ވެފައިވާތީއެވެ. މީގެ އިތުރުން، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ އާމްދަނީ ޖުލައި 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖުލައި 2026 ގައި އިތުރުވެފައިވުމަކީވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. އަދި ޖުލައި 2026 ގައި އާންމުދާއިރާގެ ޖީ.އެސް.ޓީ ލިބުނު މިންވަރު އިތުރުވެފައިވަނީ، ޖުލައި މަހުގެ ކުއާޓަރލީ ޖީ.އެސް.ޓީ ސުންގަޑިއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ފައިސާދައްކާ ނިންމާފައިވާތީއެވެ.

ޖުލައި 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބުތަކަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ނަން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކުހުގެ އިތުރުން ބޭންކް އިންކަމް ޓެކްސް ދަށްވުމެވެ. އިންކަމް ޓެކުހުގެ އާމްދަނީ ދަށްވެފައިވަނީ، އިންކަމް ޓެކްސް ނެގުމުގެ މުއްދަތު ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވާތީއެވެ. ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ ދަށްވެފައިވަނީ، ޖުލައި މަހުގެ ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ސުންގަޑިއަށް ފައިސާދައްކާ ނިންމާފައިވާތީއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު 2026 ވަނަ އަހަރުގެ ޖުލައި މަހުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު ވަނީ %3.1 ދަށްވެފައެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ޖުލައި 2026 ގައި ވަނީ ޖުމްލަ 449 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 248 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 92 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 78 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 30 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. ޖުލައި 2026 ގައި ލިބިފައިވާ އާމްދަނީގެ %18.4 އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %11.0 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.

ޖުލައި 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ %48.6 ނުވަތަ 1.66 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ %30.4 ނުވަތަ 1.05 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 142 މިލިއަން ރުފިޔާ (%4.2)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި136  މިލިއަން ރުފިޔާ (%4.0)، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 134 މިލިއަން ރުފިޔާ (%3.9)، އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 81 މިލިއަން ރުފިޔާ (%2.4) ވަނީ ލިބިފައިވެއެވެ.

ޖުލައި 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 108.36 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ