ސެޕްޓެންބަރު 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 3.01 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.7 އިތުރު އަދަދެކެވެ. އަދި، ސެޕްޓެންބަރު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %33.7 އިތުރު އަދަދެކެވެ.
ސެޕްޓެންބަރު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ސެޕްޓެންބަރު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިން ލިބުނު އާމްދަނީ އިތުރުވުމެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވުމާއި ގުޅިގެންނެވެ. މިއީ، އޮގަސްޓު 2024 އާ އަޅައިބަލާއިރު އޮގަސްޓު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %9.0 އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް ސެޕްޓެންބަރު 2025 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.
ސެޕްޓެންބަރު 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %33.7 އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ރިޒޯޓުތަކުގެ ކުލި އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ ގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ ސެޕްޓެންބަރު މަހު ދައްކައިފައިވުމުން، އަންދާޒާކުރި އާމްދަނީއާ އަޅައިބަލާއިރު ލިބުނު އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެފައިވެއެވެ. މި ފީއަކީ އެއްފަހަރު ދައްކާ ފީއަކަށްވުމުން، އާމްދަނީގެ އަންދާޒާތަކުގައި މި ފީ ހިމަނާފައި ނުވެއެވެ. މީގެ އިތުރުން، ސެޕްޓެންބަރު 2025 ގައި ލިބިފައިވާ އާމްދަނީގެ %14.9 އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. މީގެ އިތުރުން، އާމްދަނީގެ %6.4 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.
ސެޕްޓެންބަރު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %40.5 ނުވަތަ 1.22 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިންއެވެ. އެއީ %16.9 ނުވަތަ 507.2 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 404 މިލިއަން ރުފިޔާ (%13.4)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204.3 މިލިއަން ރުފިޔާ (%6.8)، ޑިޕާރޗަރ ޓުކުހުގެ ގޮތުގައި 199.1 މިލިއަން ރުފިޔާ (%6.6) އަދި ގްރީން ޓެކުހުގެ ގޮތުގައި 195.7 މިލިއަން ރުފިޔާ (%6.5) ބަލައިގަނެފައިވެއެވެ.
ސެޕްޓެންބަރު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 150.25 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/Files/GetFile/f7914e74-5634-4709-9e88-21d261accf25