މޭ 2023 ގައި މީރާއަށް 1.71 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.4 ގިނަ އަދަދެކެވެ. އަދި، މޭ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %1.8 ގިނަ އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މޭ 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މިގޮތުން، ޖީ.އެސް.ޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން، ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، އެޕްރީލް 2022 އާއި އަޅައިބަލާއިރު، އެޕްރީލް 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %13.1 އިތުރުވެފައިވާތީ، ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، ބައެއް ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކައިފައިވާތީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކުހުގެ ފައިނަލް ރިޓަރން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑިއަކީ 2 ޖުލައި 2023 އެވެ.
މޭ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ މޭ މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރުވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. މި ގޮތުން، މޭ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އަންދާޒާކުރި ވަރަށްވުރެ %3.6 އިތުރުވެފައިވާތީ، ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، ބައެއް ޓެކްސް ދައްކާ ފަރާތްތަކުން 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކަންޖެހޭ ސުންގަޑީގެ ކުރިން ޓެކްސް ދައްކައިފައިވާތީ، މި ކަމުގެ ސަބަބުން މޭ 2023 ގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
މޭ 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ %63.59 ނުވަތަ 1.09 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ %12.41 ނުވަތަ 212.43 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 114.34 މިލިއަން ރުފިޔާ (%6.68)، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 101.20 މިލިއަން ރުފިޔާ (%5.91)، ގްރީން ޓެކްސްގެ ގޮތުގައި 83.10 މިލިއަން ރުފިޔާ (%4.85)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 112.17 މިލިއަން ރުފިޔާ (%6.55) ލިބިފައިވެއެވެ.
މޭ 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.78 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/Files/GetFile/2826edbe-2d7d-4a3e-be9c-c5ea8951077f