/ މޭ މަހު މީރާއިން 1.28 ބިލިއަން ރުފިޔާ ބަލައިގަނެފި
News Image

މޭ މަހު މީރާއިން 1.28 ބިލިއަން ރުފިޔާ ބަލައިގަނެފި

09 ޖޫން 2022

މޭ 2022 ގައި މީރާއަށް 1.28 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %63.0 އިތުރު އަދަދެކެވެ. އަދި، މޭ 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.8 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މޭ 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ  ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއަރޕޯޓް ޓެކުހާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެކެވެ. މީގެ އިތުރުން ޖީ.ޖީ.އެސް.ޓީ އަދި ނަން-ރެޒިޑެންޓް ވިތްހޯލްޑިންގ ޓެކްސް ގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމަކީ ޖުމުލަ އާމްދަނީއަށް ލިބުނު ކުރިއެރުމެކެވެ.  

މޭ 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %64.7 ނުވަތަ 829.44 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސް އިންނެވެ. އެއީ %8.3 ނުވަތަ 105.85 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސް ގެ ގޮތުގައި 96.58 މިލިއަން ރުފިޔާ (%7.5)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 60.61 މިލިއަން ރުފިޔާ (%4.7)، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 59.80 މިލިއަން ރުފިޔާ (%4.7) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 129.81 މިލިއަން ރުފިޔާ (%10.1) ލިބިފައިވެއެވެ.

މޭ 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 53.47 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް:  https://www.mira.gov.mv/reports/May_2022.pdf

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ