މާރިޗު 2023 ގައި މީރާއަށް 2.19 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %1.2 ދަށް އަދަދެކެވެ. ނަމަވެސް، މާރިޗު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %6.4 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މާރިޗު 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މާރިޗު 2023 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ނަން-ރެޒިޑެންޓް ވިތްހޯލްޑިންގ ޓެކުހުގެ އާމްދަނީ ދަށްވުމެވެ. އާމްދަނީން ނަގާ ޓެކްސްގެ 2021 ވަނަ އަހަރުގެ ފައިނަލް ޕޭމަންޓް ބައެއް ފަރާތްތަކުން ސުންގަޑީގެ ކުރިން ދައްކާފައިވުމުގެ ސަބަބުން 2023 ވަނަ އަހަރުގެ މާރިޗު މަހުގެ އާމްދަނީ، މާރިޗު 2022 އާ އަޅާބަލާއިރު ދަށްވެފައިވެއެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރުގެ ރިޒޯޓުތަކުގެ ކުލި ނެގުމުގެ މުއްދަތު 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފައިވާތީ، މާރިޗު 2022 އާ އަޅާބަލާއިރު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.
މާރިޗު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުލި، ޖީ.ޖީ.އެސް.ޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ނަން-ރެޒިޑެންޓް ވިތްހޯލްޑިންގ ޓެކްސް، ޑިޕާޗަރ ޓެކްސް އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މާރިޗު މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރުވުންކަމުގައި މީރާއިން މައުލޫމާތުދެއެވެ. ރާއްޖެ އަންނާނެ ކަމަށް އަންދާޒާކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ މި މުއްދަތުގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު %4.0 އިތުރުވެފައިވުމުގެ ސަބަބުން ޓޫރިސްޓުންނާ ގުޅޭ އާމްދަނީ އިތުރުވެފައިވާކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.
މާރިޗު 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ %60.0 ނުވަތަ 1.31 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުން ނަގާ ކުލިންނެވެ. އެއީ %14.0 ނުވަތަ 305.61 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 143.33 މިލިއަން ރުފިޔާ (%6.6)، ގްރީން ޓެކްސްގެ ގޮތުގައި 105.42 މިލިއަން ރުފިޔާ (%4.8)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 99.20 މިލިއަން ރުފިޔާ (%4.5) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 220.17 މިލިއަން ރުފިޔާ (%10.1) ލިބިފައިވެއެވެ.
މާރިޗު 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 100.99 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ގުޅުންހުރި ލިޔުންތައް:
https://www.mira.gov.mv/Files/GetFile/031aada5-8863-4cb7-8d2e-55eb6894df9c