/ އަގުހުރި އިނާމުތަކާއެކު މީރާއިން "ކޮބާ ރަސީދު" ކެމްޕޭން ފަށައިފި
News Image

އަގުހުރި އިނާމުތަކާއެކު މީރާއިން "ކޮބާ ރަސީދު" ކެމްޕޭން ފަށައިފި

12 ޖަނަވަރީ 2023

1 ޖަނަވަރީ 2023 ގައި ޖީ.އެސް.ޓީގެ ރޭޓަށް އައިސްފައިވާ ބަދަލާގުޅިގެން، ވިޔަފާރިތަކުން ރަސީދު ތައްޔާރުކުރަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމުގެ އިތުރުން، ވިޔަފާރިތަކުން ރަސީދު ދޫކުރުމަށް، އަދި ވިޔަފާރިކުރާ ފަރާތްތަކުން ރަސީދު ހޯދުމަށް ބާރުއެޅުމުގެ ގޮތުން "ކޮބާ ރަސީދު" ގެ ނަމުގައި ހޭލުންތެރިކުރުމުގެ ހާއްސަ ކެމްޕޭނެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށައިފިއެވެ.

މި ކެމްޕެއިންގައި އެކި ފައިސާގެ އިނާމުތައް ދިނުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން މި ކެމްޕޭންގައި ބައިވެރިވެގެން ޖުމުލަ  36,000 (ތިރީސް ހަހާސް) ރުފިޔާގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވިފައިވާކަމަށް އެ އެތޯރިޓީން މައުލޫމާތު ދެއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ޖަނަވަރީ 2023 އިން 15 އެޕްރީލު 2023 ގެ ނިޔަލަށެވެ.

15 ޖަނަވަރީ 2023 އިން ފެށިގެން މުދާ ވިއްކާ ފިހާރަތަކުންނާއި ޚިދުމަތް ދޭ ތަންތަނުން ދޫކުރާ ރަސީދުތައް ހޯދައި، ކެމްޕޭންގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ފޯނު ނަމްބަރު އެ ރަސީދުގައި ލިޔުމަށްފަހު އޭގެ ފޮޓޯއެއް މީރާގެ ވައިބަރ ނަންބަރު 7291415 އަށް ވައިބަރކޮށްގެން ކޮންމެ ފަރާތަކަށް ވެސް މި ކެމްޕޭންގައި ބައިވެރިވެވޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. މި މުބާރާތް ކުރިއަށް ގެންދާ ކޮންމެ މަހަކު، އެ މަހެއްގެ ތެރޭގައި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 2000/- (ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 15 އެޕްރީލް 2023 ގެ ނިޔަލަށް އެންމެ ގިނަ ތަންތަނުން އެންމެ ގިނަ އަދަދަކަށް ރަސީދު ހުށަހަޅަފައިވާ ފަރާތަކަށް 30،000 (ތިރީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ރަސްމީ ގަޑީގައި 1415 އަށް ގުޅުމުން މައުލޫމާތު ލިބޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ