/ ޖޫން މަހު މީރާއިން 1.61 ބިލިއަން ރުފިޔާ ބަލައިގަނެފި
News Image

ޖޫން މަހު މީރާއިން 1.61 ބިލިއަން ރުފިޔާ ބަލައިގަނެފި

17 ޖުލައި 2023

ޖޫން 2023 ގައި މީރާއަށް 1.61 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %31.7 ދަށް އަދަދެކެވެ. އަދި، ޖޫން 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %42.9 ގިނަ އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖޫން 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖޫން 2023 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ. މީގެ ސަބަބަކީ، 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، ސުންގަޑީގެ ތާރީޚު ޖުލައި 2023 އަށް ފަސްވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީ ގެ ސުންގަޑި ވެސް ވަނީ ރަސްމީ ބަންދު ދުވަހަކަށް ދިމާވުގެ ސަބަބުން ޖުލައި 2023 އަށް ފަސްކޮށްފައިކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޖޫން 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ބޭންކް އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވުން ކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ޓެކްސްތައް ދެއްކުމުގެ ސުންގަޑި ޖުލައި މަހަށް ފަސްކޮށްފައި ވި ނަމަވެސް، ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑީގެ ކުރިން ފައިސާދައްކައިފައިވާކަމަށް މީރާއިން ހާމަކުރެއެވެ.

ޖޫން 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ %37.47 ނުވަތަ 604.21 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ %29.4 ނުވަތަ 474.35 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 231.13 މިލިއަން ރުފިޔާ (%14.33)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 68.67 މިލިއަން ރުފިޔާ (%4.3)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 64.74 މިލިއަން ރުފިޔާ (%4.0) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 169.34 މިލިއަން ރުފިޔާ (%10.5) ލިބިފައިވެއެވެ.

ޖޫން 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 48.42 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/Files/GetFile/f8664ecf-5e6c-4245-816a-56710a2b56dd 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ