/ ޖަނަވަރީ މަހު 4.45 ބިލިއަން ރުފިޔާ ބަލައިގަނެފި
News Image

ޖަނަވަރީ މަހު 4.45 ބިލިއަން ރުފިޔާ ބަލައިގަނެފި

15 ފެބުރުވަރީ 2026

ޖަނަވަރީ 2026 ގައި  ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 4.45 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %33.1 އިތުރު އަދި ޖަނަވަރީ 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %4.9 ދަށް އަދަދެކެވެ.

ޖަނަވަރީ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2026 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީއިން ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީއިން ލިބިފައިވާ އާމްދަނީ އިތުރުވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މިއީ، ޑިސެންބަރު 2024 އާ އަޅައިބަލާއިރު، ޑިސެންބަރު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %7.4އަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. އަދި މިއާއިއެކު، 2025 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކުހުގެ 2 ވަނަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި މުއްދަތުގައި އައުމުން، ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

ޖަނަވަރީ 2026 ލިބިފައިވާ އާމްދަނީ، އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ ދަށްވެފައިވާ މައިގަނޑު އެއް ސަބަބަކީ ވިޔަފާރި އާމްދަނީން ނަގާ ޓެކުހުގެ އާމްދަނީއާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ އާމްދަނީ އަދި ޑިޕާޗާރ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވުމެވެ. ޖަނަވަރީ 2026 ގައި ލިބިފައިވާ އާމްދަނީގެ %7.6 އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %25.9 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.

ޖަނަވަރީ 2026 ގައި، ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން  ޖުމްލަ 531.68 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 305.84 މިލިއަން ރުފިޔާ، އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 51.08 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 7.92 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 95.94 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 70.91 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.

ޖަނަވަރީ 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %40.4 ނުވަތަ 1.79 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ %34.7 ނުވަތަ 1.54 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 271.44 މިލިއަން ރުފިޔާ (%6.1)، ގްރީން ޓެކުހުގެ ގޮތުގައި 221.80 މިލިއަން ރުފިޔާ (%5.0)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 188.85 މިލިއަން ރުފިޔާ (%4.3)، އަދި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 180.79 މިލިއަން ރުފިޔާ (%4.1) ލިބިފައިވެއެވެ.

ޖަނަވަރީ 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 180.42 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް:

4d3fe33e-5858-4c39-a1b8-0ff2ce307331

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ