/ ޖަނަވަރީ މަހު މީރާއިން 3.40 ބިލިއަން ރުފިޔާ ބަލައިގަނެފި
News Image

ޖަނަވަރީ މަހު މީރާއިން 3.40 ބިލިއަން ރުފިޔާ ބަލައިގަނެފި

09 ފެބުރުވަރީ 2023

ޖަނަވަރީ 2023 ގައި މީރާއަށް 3.40 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %43.1 އިތުރު އަދަދެކެވެ. އަދި ޖަނަވަރީ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %43.6 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖަނަވަރީ 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، އެއަރޕޯޓް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މިގޮތުން، ޑިސެންބަރު 2021 އާއި އަޅައިބަލާއިރު، ޑިސެންބަރު 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %12.0 އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޖަނަވަރީ 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ %47.7 ނުވަތަ 1.62 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ %38.1 ނުވަތަ 1.30 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސް 100.79 މިލިއަން ރުފިޔާ (%3.0)، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 94.04 މިލިއަން ރުފިޔާ (%2.8)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 89.60 މިލިއަން ރުފިޔާ (%2.6) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 198.63 މިލިއަން ރުފިޔާ (%5.8) ލިބިފައިވެއެވެ.

 ޖަނަވަރީ 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 112.80 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/Files/GetFile/90f3b902-a563-4a42-986c-52db2016d778  

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ