ޑިސެެންބަރު 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 3.24 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.7 އިތުރު އަދަދެކެވެ. އަދި، ޑިސެެންބަރު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %17.4 އިތުރު އަދަދެކެވެ.
ޑިސެެންބަރު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ޑިސެެންބަރު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އާއި ގްރީން ޓެކުހުގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިއީ، ނޮވެންބަރު 2024 އާ އަޅައިބަލާއިރު، ނޮވެންބަރު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %12.8އަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި ގުޅިގެން، ޑިސެެންބަރު 2025 ގެ އާމްދަނީ ޑިސެެންބަރު 2024 ގެ އާމްދަނީއަށްވުރެ ވަނީ އިތުރުވެފައެވެ.
ޑިސެެންބަރު 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %17.4 އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ ގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އާއި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުންނެވެ. މި ފީތަކުން ލިބުނު އާމްދަނީއަކީ ޑިސެެންބަރު މަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިނުވާ އާމްދަނީތަކެވެ. މީގެ އިތުރުން، ޑިސެެންބަރު 2025 ގައި ލިބިފައިވާ އާމްދަނީގެ %21.2 އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %20.3 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.
ޑިސެެންބަރު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %53.2 ނުވަތަ 1.72 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ ޓެކުހުންނެވެ. އެއީ %16.0 ނުވަތަ 519 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 218.7 މިލިއަން ރުފިޔާ (%6.8)، ޑިޕާރޗަރ ޓުކުހުގެ ގޮތުގައި 191.3 މިލިއަން ރުފިޔާ (%5.9)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 176 މިލިއަން ރުފިޔާ (%5.4) އަދި އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 160 މިލިއަން ރުފިޔާ (%4.9) ބަލައިގަނެފައިވެއެވެ.
ޑިސެެންބަރު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 157.83 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/Files/GetFile/b8f1131c-130f-4ccc-acba-ff62675af4e4