އޮގަސްޓު 2023 ގައި މީރާއަށް 1.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %21.0 އިތުރު އަދަދެކެވެ. އަދި، އޮގަސްޓު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %7.7 މަދު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮގަސްޓު 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮގަސްޓު 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.ޖީ.އެސް.ޓީ، ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއަރޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި އޮގަސްޓު 2022 އާއި އަޅައިބަލާއިރު އޮގަސްޓު 2023 ގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %9.0 އަށް އިތުރުވެފައިވުންކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ޖީ.އެސް.ޓީގެ ރޭޓަށް އައި ބަދަލާއި ގުޅިގެން ޓީ.ޖީ.އެސް.ޓީ އަދި ޖީ.ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ.
އޮގަސްޓު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، އިންކަމް ޓެކްސް، ޓީ.ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ މަދުވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން އޮގަސްޓް 2023 ގައި އަންދާޒާކޮށްފައިވާ އަދަދާއި އަޅައިބަލާއިރު ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %0.2 އަށް ދައްވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ގްރީން ޓެކުހާއި ޓީ.ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ ވަނީ މަދުވެފައެވެ.
އޮގަސްޓު 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ %59.12 ނުވަތަ 943.14 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ %11.84 ނުވަތަ 188.82 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 90.39 މިލިއަން ރުފިޔާ (%5.67)، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 87.76 މިލިއަން ރުފިޔާ (%5.50)، ގްރީން ޓެކްސްގެ ގޮތުގައި 69.52 މިލިއަން ރުފިޔާ (%4.36)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 215.70 މިލިއަން ރުފިޔާ (%13.52) ލިބިފައިވެއެވެ.
އޮގަސްޓު 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 62.02 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/Files/GetFile/60fc2f84-4409-468c-bf05-eb23ff093cf5