/ މީރާއިން މިއަދު ވިޔަފާރިތަކަށް ޒިޔާރަތްކުރަނީ
News Image

މީރާއިން މިއަދު ވިޔަފާރިތަކަށް ޒިޔާރަތްކުރަނީ

14 އޮކްޓޫބަރު 2023

މިއަދު (14 އޮކްޓޫބަރު 2023 ވާ ހޮނިހިރު ދުވަހު) ކުރިއަށްގެންދާ މީރާގެ "ކޮމްޕްލަޔަންސް ޑޭ"ގެ ހަރަކާތުގައި މީރާގެ ޓީމުތަކުން މާލެއާއި މިރާގެ އޮފީސްތައް ޤާއިމުވެފައިވާ ރަށްރަށުގެ ވިޔަފާރިތަކަށް ޒިޔާރަތް ކުރާނެކަމަށް މީރާއިން މައުލޫމާތުދީފިއެވެ.

މިއަދުގެ ހަރަކާތްތައް މި ފަހަރު ހާއްސަކޮށްފައިވަނީ މީރާއިން ކުރިއަށްގެންދާ "ފަންސައާހި" ކެމްޕޭނުގެ ދަށުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ފަންސައާހި ކެމްޕޭންގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހަޅާ މިންވަރު އިތުރަށް އިތުރުކުރުމެވެ.

ކަނޑައަޅައިފައިވާ ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަކީ، ޓެކްސް އިދާރާގެ ރެކޯޑްތަކުގައި އެ ޓެކްސް ދައްކާ ފަރާތަކީ ޓެކުހުގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ ޓެކްސް ބަޔާން ހުށަހެޅުމުގެ އިލްތިޒާމުތައް ސުންގަޑިއަށް އަދާކުރާ ފަރާތެއްގެ ގޮތުގައި ފާހަގަވެ، އެ ފަރާތުގެ "ކޮމްޕްލަޔަންސް ސްކޯ" ރަނގަޅުވެ، އަދި މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ލުއިތަކުގައި އެ ފަރާތަކަށް އިސްކަން ދެވިގެންދާނެ ކަމެއް ކަމުގައި މީރާއިން މައުލޫމާތުދެއެވެ. އެހެން ކަމުން ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މީރާއިން އިލްތިމާސްކުރެއެވެ. އަދި ޓެކްސް ބަޔާން ހުށަހެޅުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ، މީރާއިން މިއަދު ހިންގާ ހަރަކާތުގެ ތެރެއިން މީރާގެ ޓީމުތަކުގެ އެހީތެރިކަން ހޯދުމަށް މީރާއިން އެދެއެވެ. 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ