ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހާ ހަމައަށް، ޖީ.އެސް.ޓީ (ޖެނެރަލް ސެކްޓަރ) ގެ ފައިސާ ނުދައްކާ އަދަދު 600،000 ދިވެހި ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފިއެވެ. މިގޮތުން، މީރާއިން ޝާޢިއުކޮށްފައިވާ ލިސްޓުގައި ޖުމްލަ 146 ފަރާތެއްގެ ނަން ހާމަކޮށްފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދެވިފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރީއާއިންވެސް އެ ފަރާތްތަކަށް އެ ކަން އަންގާފައިވާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.
ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން، މިހާތަނަށް ވެސް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި ލިޔުންތައް: