/ އޮކްޓޫބަރު މަހު މީރާއިން 2.01 ބިލިއަން ރުފިޔާ ބަލައިގަނެފި
News Image

އޮކްޓޫބަރު މަހު މީރާއިން 2.01 ބިލިއަން ރުފިޔާ ބަލައިގަނެފި

09 ނޮވެމްބަރު 2023

އޮކްޓޫބަރު 2023 ގައި މީރާއަށް 2.01 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %61.3 އިތުރު އަދަދެކެވެ. އަދި، އޮކްޓޫބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %29.7 ގިނަ އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮކްޓޫބަރު 2022 ގައި ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު އޮކްޓޫބަރު 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އެކްސްޕަޓްރިއޭޓް ކޯޓާ ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ ސަބަބަކީ ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ފައިސާ ދެއްކުމުގެ ސުންގަޑި އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާ އަށް ފަސްވުން ކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، ސެޕްޓެންބަރު 2022 އާއި އަޅައިބަލާއިރު ސެޕްޓެންބަރު 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %16.9 އަށް އިތުރުވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އޮކްޓޫބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޓެކުހުގެ މުހިންމު ސުންގަޑި ހަމަވާ ދުވަހެއް، ރިޔާސީ އިންތިޚާބާ ގުޅިގެން ސަރުކާރުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން، މި ސުންގަޑި އޮކްޓޫބަރު 2023 ގެ ފުރަތަމަ ހަފްތާއަށް ފަސްވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

އޮކްޓޫބަރު 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ %65.74 ނުވަތަ 1.32 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ %8.02 ނުވަތަ 161.47 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 152.82 މިލިއަން ރުފިޔާ (%7.59)، ގްރީން ޓެކުހުގެ ގޮތުގައި 92.56 މިލިއަން ރުފިޔާ (%4.60)، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 77.19 މިލިއަން ރުފިޔާ (%3.83)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 205.72 މިލިއަން ރުފިޔާ (%10.22) ލިބިފައިވެއެވެ.

އޮކްޓޫބަރު 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 77.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/Files/GetFile/55a6a898-ccd1-4cec-9ea9-1788fd03494d

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ