ސްޓްރެޓީޖިކް ޕްލޭން 2015 – 2019

2011 ވަނަ އަހަރު ދިވެހިރާއްޖެއަށް ތައާރަފުކުރެވުނު ޒަމާނީ ޓެކުހުގެ ނިޒާމު ހިންގުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރާގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފައްދާފައި ވަނީ 2010 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މީރާގެ ޅަފަތުގެ އަހަރުތަކުގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ އަލަށް ތައާރަފުކުރެވުނު އެކިއެކި ޓެކްސްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށެވެ. އެ ދުވަސްވަރު ތައާރަފުކުރެވުނު ޓެކްސްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ނެގޭ ޓެކުހާއި، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކުހާއި، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސްއެވެ. މީގެ ތެރެއިން މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކުހަކީ، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ނެގޭ ޓެކްސް ހުރިހާ ދާއިރާއަކަށް ފުޅާކުރެވިގެން ނަގަން ފެށުނު ޓެކްސްއެކެވެ. މި މުއްދަތުގައި މީރާއިން ވަނީ އިތުބާރު ހިފޭ މުއައްސަސާއެއް ބިނާކުރުމުގެ އިތުރުން ހަރުދަނާ ހިންގުމުގެ އޮނިގަނޑެއް ވެސް ޤާއިމްކޮށްފައެވެ.

މިހާ ހިސާބުން، މީރާގެ މަސައްކަތްތައް އަނެއް ހަރުފަތަށް ގެންދިއުމަށްޓަކައި ހަރުދަނާ ރޭވުންތެރި ތަސައްވުރަކަށް މި ވަނީ ބޭނުންވެފައެވެ. ވުމާއެކު، ކުރިއަށް އޮތް ހަރުފަތަށް ދިއުމަށްޓަކައި ވޭތުވެދިޔަ 4 އަހަރު މީރާއިން ހާސިލުކޮށްފައިވާ ކާމިޔާބާމެދު ނަޒަރުހިންގާލެވުނެވެ. މި ސްޓްރެޓީޖިކް ޕްލޭނަކީ އެ ތަޖުރިބާ އާއި ކުރިމަގުގެ ތަސައްވުރާއި މީރާގެ އަމާޒު އެކުލަވައިލައިގެން ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

މިއީ މީރާގެ އެންމެ ފުރަތަމަ ސްޓްރެޓީޖިކް ޕްލޭނެވެ. މި ސްޓްރެޓީޖިކް ޕްލޭނުގައި، ޖުމުލަ 6 ޕްރޮގްރާމެއްގެ ތެރެއިން، 2015 އިން 2019 އަށް މީރާއިން އެންމެ އިސްކަންދޭނެ ކަންތައްތައް ކުރު ގޮތަކަށް ބަޔާންކޮށްފައިވާނެއެވެ. އަދި އިސްކަންދޭ ކަންތައްތައް ހާސިލުކުރެވުނު މިންވަރު ވަޒަންކުރާނެ މިންގަނޑުތައް ވެސް މި ޕްލޭނުގައި ހިމަނައިފައިވާނެއެވެ. މީރާއިން އިސްކަންދޭ ސްޓްރެޓެޖީތަކުގެ ކާމިޔާބީ ބިނާވަނީ މި މިންގަނޑުތައް ހާސިލުކުރެވޭ މިންވަރެއްގެ މައްޗަށެވެ.

މި ޕްލޭނަކީ މީރާގެ އިސް މުވައްޒަފުންގެ މެދުގައި ކުރެވުނު ގިނަގުނަ މަޝްވަރާތަކުގެ ތެރެއިން އުފައްދާފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވައިލުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް މީރާގެ އިސް މުވައްޒަފުން ޝާމިލުވެފައިވެއެވެ. މީގެ އިތުރުން، މި ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން، ސްޓްރެޓީޖިކް ޕްލޭން ކުރުމާބެހޭ ތަޖުރިބާކާރެއް ކަމުގައިވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ މސ. ބާބަރާ އޭބެއަރ ގެ އިރުޝާދު ލިބުނެވެ.

މީރާގެ ހުރިހާ މުވައްޒަފުންނާއި "ސްޓޭކްހޯލްޑަރސް" ގެ ކިބައިން، މި ސްޓްރެޓީޖިކް ޕްލޭނުގައިވާ ކަންތައްތައް ހާސިލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރުމަށް މީރާއިން އެދެމެވެ. އެންމެން އެކުގައި މަސައްކަތްކޮށްގެން މީރާއިން އެދޭފަދަ ގާބިލު އަދި ޕްރޮފެޝަނަލް މުއައްސަސާއަކަށް މީރާ ހެދޭނެކަން ޔަގީނެވެ.

ސްޓްރެޓީޖިކް ޕްލޭން