1 - އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށީ ކޮން ތާރީޚެއްގައި؟
އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވުނީ 17 ޑިސެންބަރު 2019 ގައި. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެން. ނަމަވެސް، އުޖޫރައިން ޓެކްސް ނަގަން ފަށާނީ 1 އެޕްރީލް 2020 އިން ފެށިގެން.
2 - އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ހިނގާނީ ކޮންފަރާތްތަކެއްގެ މައްޗަށް؟
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވިނަމަވެސް ނުވަތަ ވަގުތީ ގޮތުން ވަޒަންވެރިފައި ވީނަމަވެސް، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއްގެ މައްޗަށް.
3 - އާމްދަނީން ޓެކްސް ނެގުމުގު ޤާނޫނުގެ ދަށުން ފަރުދުންނަށް ލިބޭ އާމްދަނީން ޓެކްސް ނަގާ ރޭޓު ތަކަކީ ކޮބާ؟
ފަރުދުންނަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ނަގާ ރޭޓުތައް ތިރީގައިވާ ތާވަލުގައި އެ ވަނީއެވެ.
ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓް
|
ޓެކްސް ރޭޓު
|
720,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
|
0%
|
720,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,200,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
|
5.5%
|
1,200,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,800,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
|
8%
|
1,800,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 2,400,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
|
12%
|
2,400,000/- ރުފިޔާ އަށްވުރެ ބޮޑު
|
15%
|
4 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަކީ ކޮބާ؟
ވަޒީފާ ދޭ ފަރާތުން ނުވަތަ އެ ފަރާތުގެ ބަދަލުގައި އުޖޫރަ ދޭ ފަރާތަކުން މުވައްޒަފަކަށް، ކުންފުންޏެއްގެ ޑިރެކްޓަރަކަށް ނުވަތަ ޕާޓްނަރޝިޕެއްގެ ޕާޓްނަރަކަށް ދޭ އުޖޫރައިން އުނިކުރާ ޓެކުހުގެ އަދަދު.
5 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނަގަން ފަށާ ތާރީޚަކީ ކޮބާ؟
އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށާނީ 1 އެޕްރީލް 2020 އިން ކަމުގައިވާތީ، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ވެސް ނަގަން ފަށާނީ 1 އެޕްރީލް 2020 އިން ފެށިގެން.
6 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހާ އާމްދަނީން ނަގާ ޓެކުހުގެ ތަފާތަކީ ކޮބާ؟
މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނިޒާމަކީ، މުވައްޒަފަށް، ޑިރެކްޓަރަށް ނުވަތަ ޕާޓްނަރަށް އުޖޫރަ ދިނުމުގެ ކުރިން އުޖޫރަ ދޭ ފަރާތުން އެ އުޖޫރައިން ދައްކަންޖެހޭ ޓެކުހުގެ މިންވަރެއް އުނިކުރުމަށް ފަހު މީރާއަށް ދައްކާ ނިޒާމެއް. މި ނިޒާމުގެ ތެރެއިން އުޖޫރައިގެ އާމްދަނީން ކުރީބައިގައި ޓެކްސް ދައްކަން ޖެހުނުކަމުގައި ވީނަމަވެސް، އެއް އާމްދަނީއަކުން ދެ ފަހަރު ޓެކްސް ދައްކަންޖެހޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވާނެ. އުޖޫރައިން ދައްކަންޖެހޭ ޓެކްސް ގެ މިންވަރުގެ ބޮޑު ބައެއް ވިތުހޯލްޑިންގ ނިޒާމުގެ ތެރެއިން ދެއްކިފައިވުން ފިޔަވައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހާ އާމްދަނީން ނެގޭ ޓެކުހާ ތަފާތެއް ނެތް.
7 - ފަރުދުންނަށް ލިބޭ އާމްދަނީން، އާމްދަނީން ޓެކްސް ނެގުމުގު ޤާނޫނުގެ ދަށުން ޓެކްސް ނަގާ ރޭޓު ތަކަކީ ކޮބާ؟
ފަރުދުންނަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ނަގާ ރޭޓުތައް ތިރީގައިވާ ތާވަލުގައި އެ ވަނީއެވެ.
ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓް
|
ޓެކްސް ރޭޓު
|
720,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
|
0%
|
720,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,200,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
|
5.5%
|
1,200,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,800,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
|
8%
|
1,800,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 2,400,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
|
12%
|
2,400,000/- ރުފިޔާ އަށްވުރެ ބޮޑު
|
15%
|
8 - "އުޖޫރަ" އަކީ ކޮބާ؟
އުޖޫރައިގެ ތެރޭގައި ހިމެނެނީ، މުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ފޯރުކޮށްދޭ ޚިދުމަތުގެ މުޤާބިލުގެ ގޮތުގައި (ފައިސާއިން ނުވަތަ އެނޫންވެސް ގޮތަކަށް) އޭނާއަށް ލިބޭ މުސާރައާއި، އިނާޔަތާއި މަންފާ. މީގެ ތެރޭގައި، ވަޒީފާ ގެއްލުމުގެ ސަބަބުން ނުވަތަ ޚިދުމަތް ހުއްޓާލުމުގެ ސަބަބުން ލިބޭ ބަދަލާއި، ވަކި ކަންތައްތަކަށް ޝަރުތުކޮށް ދޭ ފައިސާއާއި ވަޒީފާއަށް ވުނުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ބާރުއަޅާ އިނާޔަތްތައްވެސް ހިމެނޭ
9 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ ހިސާބުކުރާނީ ކިހިނެއް؟
މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައަކީ މަހެއްގެ މައްޗަށް ލިބޭ އުޖޫރައިން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް މުވައްޒަފުގެ އުޖޫރައިން ދައްކާ އަދަދު އުނިކުރުމުން އޮންނަ އަދަދު.
10 - އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އަޅުގަނޑު ވާނީ ޓެކްސް ދައްކާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފަ. މި ހާލަތުގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަލުން އަޅުގަނޑު ރަޖިސްޓަރީކުރަން ޖެހޭނެތަ؟
1 ޖަނަވަރީ 2020 ވަނަ ދުވަހާ ހަމައަށް، ޓެކްސް ދައްކާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަލުން ރަޖިސްޓަރީކުރަން ހުށަހަޅާކަށް ނުޖެހޭނެ. މީރާއިން އެފަދަ ފަރާތްތައް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށްފަހު އަންގާނެ.
11 - ކުންފުނިތަކާއި، ޕާޓްނަރޝިޕްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭނެތަ؟
އެ ފަދަ ފަރާތްތައް ވެސް ރަޖިސްޓަރީކުރަންޖެހޭނެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އިންކޯޕަރޭޓްކުރާ އެ ފަދަ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ތެރޭގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެގެންދާނެ. އެހެންކަމުން އެ ފަދަ ފަރާތްތަކުން ރަޖިސްޓަރީވުމަށް ވަކި ފޯމެއް މީރާއަށް ހުށަހަޅާކަށް ނުޖެހޭނެ.
12 - އަޅުގަނޑަކީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށްފައިވާ މީހެކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަޅުގަނޑު ރަޖިސްޓަރީކުރަންޖެހޭނެތަ؟
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވެސް މި ޓެކުހަށް ރަޖިސްޓަރީކުރަންޖެހޭނެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އިންކޯޕަރޭޓްކޮށްފައިވާ ފަރާތްތަކެކޭ އެއްގޮތަށް، މި ފަދަ ފަރުދުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވުމަށް ވަކި ފޯމެއް މީރާއަށް ހުށަހަޅާކަށް ނުޖެހޭނެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީކުރާއިރު މި ޓެކުހަށް ވެސް ރަޖިސްޓަރީވާނެ.
13 - ބިދޭސީއަކު އަހަރެއްގެ ދެބައިކުޅަ އެއްބަޔަށްވުރެ ދިގު މުއްދަތެއްގައި ދިވެހިރާއްޖޭގައި ހޭދަކޮށްފިނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ބޭނުމަށް، އެ މީހާއަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހެއްކަމަށް ބެލެވޭނެތަ؟
ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ލިބިފައިވާ ބިދޭސީއަކު 183 ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގައި އުޅެފައިވާނަމަ އަދި އެ މީހަކީ ދިވެއްސަކާ އިނދެގެން އުޅޭ މީހެއް ނޫންނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ބޭނުމަށް، އެ މީހާއަކީ "ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ" މީހެއް.
14 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތާ ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތް، ޓެކްސް ދެއްކުމުގައި ތަފާތުވަނީ ކޮންގޮތަކަށް؟
މައިގަނޑު ތަފާތަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުން އެފަރާތަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީއިން ޓެކްސް ދައްކަން ޖެހޭއިރު، ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތުން ޓެކްސް ދައްކަން ޖެހެނީ އެފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީން އެކަނިކަމަށްވުން.
15 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކީ ކޮބާ؟
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ކަމުގައި ނުވާ އަދި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތެއް ކަމުގައިވެސް ނުވާ ފަރާތް.
16 - ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުންވެސް ޓެކްސް ދައްކަން ޖެހެނީ އެފަރާތްތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީން އެކަނި. އެފަރާތްތަކުން ޓެކްސް ދެއްކުމުގައި ހުރި ތަފާތަކީ ކޮބާ؟
ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކާ ބައެއް ބާވަތުގެ ފައިސާ އިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކަށް ދައްކާ ފައިސާއިން މި ވިތުހޯލްޑިންގ ޓެކްސް އުނިކުރަންނުޖެހޭ.