ޖީ.އެސް.ޓީ (މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް)
މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) އަކީ 02 އޮކްޓޫބަރު 2011 އިން ފެށިގެން، ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން ނެގޭ ޓެކުހެކެވެ. ޖީ.އެސް.ޓީ ނެގެނީ ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުންނެވެ.
މި ޤާނޫނު ފާސްވުމުގެ ކުރިން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގަމުން އައި ޓެކުހުގެ ނިޒާމު ވަނީ މި ޤާނޫނުގެ ދަށަށް ބަދަލުވެފައެވެ. ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުން ލާޒިމުވަނީ އެ ފަރާތަކުން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގު އަހަރެއްގެ މައްޗަށް 1 މިލިއަން ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކާއި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތްތަކުން، އެ ފަރާތަކަށް ލިބޭ އާމްދަނީ އަހަރެއްގެ މައްޗަށް 1 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވިނަމަވެސް ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަން ޖެހޭނެއެވެ.
މި ޤާނޫނުގެ ދަށުން 2 އޮކްޓޫބަރު 2011 އިން 31 ޑިސެންބަރު 2011 އަށް ޖީ.އެސް.ޓީ ނަގާފައިވަނީ %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ ރޭޓުންނެވެ. އަދި 1 ޖެނުއަރީ 2012 އިން ފެށިގެން ޖީ.އެސް.ޓީ ނަގާފައިވަނީ %6 ގެ ރޭޓުންނެވެ. 1 ޖަނަވަރީ 2013 އިން 31 އޮކްޓޫބަރު 2014 އަށް ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގާފައިވަނީ %8 ގެ ރޭޓުންނެވެ. އަދި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގާ ރޭޓު ވަނީ 1 ނޮވެންބަރު 2014 އިން ފެށިގެން %12 އަށް އިތުރުވެފައެވެ.
ޓެކްސްޕޭޔަރ މައުލޫމާތު