ޗެކް ބައުންސްވުމުން ނުވަތަ އެއްވެސް ސަބަބަކާހުރެ ޗެކް އަނބުރައި ލިބުމުގެ ސަބަބުން މީރާއަށް ނުލިބިވާ ފައިސާ ހޯދުމުގައި ޢަމަލުކުރާ އުސޫލު މީރާއިން ހާމަކޮށްފި

މި އޮތޯރިޓީ އިން ބަލައިގަންނަމުން ގެންދާ އެކި ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި މިނޫންވެސް ފައިސާ ދެއްކުމަށް ޗެކް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ޗެކުގެ އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ނުވަތަ އެ ޗެކުގައިވާ ޢަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައި ނުވުމުގެ ސަބަބުން މީރާއަށް ގިނަ އަދަދެއްގެ ފައިސާ ލިބެންޖެހި ނުލިބިވުމާއެކު، މިފަދަ ފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލު މިއޮތޯރިޓީއިން މިއަދު ޢާންމުކޮށްފިއެވެ.

 

ޗެކް ބައުންސްވުމުން ނުވަތަ އެއްވެސް ސަބަބަކާހުރެ ޗެކް އަނބުރައި ލިބޭ ޙާލަތްތަކުގައި މި އުސޫލުގައި ކަނޑައަޅައިފައިވާ މުއްދަތުތަކުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން އެފަރާތްތަކާ މެދު ދައުވާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެއެވެ. އަދި މި އުސޫލަށް ޢަމަލުކުރަން ފަށާއިރު ފައިސާ ނުލިބުމުގެ ސަބަބުން އަނބުރައި ލިބިފައިވާ ޗެކްތަކާ ގުޅިގެން ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކުން އެ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ 15 ޖުލައި 2012 ގެ ނިޔަލަށް ދައްކައި ޚަލާޞްނުކޮށްފިނަމަ އެ ފަރާތްތަކުގެ މައްސަލަ، އިތުރު އެންގުމަކާނުލައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާނެއެވެ.

 

މީރާއިން މި އުސޫލު އެކުލަވައިލައިފައި ވަނީ ޗެކް އަނބުރައި ލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ ފައިސާ މި އޮތޯރިޓީއަށް ނުލިބިވާތީއެވެ. މިގޮތުން މިފަދަ ޗެކްތަކާ ގުޅިގެން މިހާތަނަށް 3.7 މިލިއަން ރުފިޔާ ނުލިބިވެއެވެ. މި އުސޫލު ވަނީ މިއޮތޯރިޓީގެ ވެބްސައިޓްގައި ވަނީ ޝާއިޢުކޮށްފައެވެ. އަދި 25 ޖޫން 2012 ގައި، ދިވެހިސަރުކާރުގެ ގެޒެޓްގައިވެސް މި އުޞޫލް ވަނީ ޝާއިޢު ކޮށްފައެވެ.

27-06-12