މި އަހަރުގެ ރަމަޟާން މަހު މީރާއިން ޚިދުމަތް ފޯރުކޮށްދޭނެ ގަޑި އާންމުކޮށްފި

މި އަހަރުގެ ރަމަޟާން މަހު މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:05 އިން މެންދުރުފަހު 12:30 އަށް ކަމަށް މީރާއިން ހާމަކޮށްފިއެވެ. އަދި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ވެސް މީރާއިން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މި ގޮތަށް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ދުވަސްތަކުގައި މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ، މިހާރެކޭ ވެސް އެއްފަދައިން، މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ކަމުގައި މީރާއިން މައުލޫމާތުދެއެވެ. އަދި، އޮންލައިކޮށް ނަންބަރު ނުނެންގެވޭ ފަރާތްތަކުން 3020460 އަށް ގުޅުއްވައިގެން ވެސް ނަންބަރު ނެންގެވޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއަށް ބަލައިގަންނަ ހުރިހައި ޓެކްސްތަކާއި ގިނަ ފީތަކަކީ އޮންލައިންކޮށް ވެސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފައިސާއެއްކަމުގައި ވާތީ، ކޮވިޑް-19 ގެ ސަބަބުން މި ދިމާވެފައިވާ ހާލަތުގައި ރައްކާތެރިވެ ތިބުމުގެ ގޮތުން، މީރާއިން ޚިދުމަތް ހޯދުމުގައި މި އޮންލައިން ޚިދުމަތްތައް ހިޔާރުކުރުމަށް މީރާއިން އިލްތިމާސްކުރެއެވެ. މި ޚިދުމަތްތަކަކީ ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް މި ސިސްޓަމްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ޚިދުމަތްތަކެއްކަމުގައި މީރާއިން ފާހަގަކުރެއެވެ.

08-04-21