ބީ.ޕީ.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް އަތޮޅުތަކަކަށް ޒިޔާރަތް ކުރަނީ

ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) ގެ 2011 ވަނަ އަހަރުގެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކަށް ބީ.ޕީ.ޓީ ބަޔާން ފުރާނެގޮތުގެ މަޢުލޫމާތު ދިނުމަށާއި އަދި ބީ.ޕީ.ޓީ ގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ހިސާބުކުރުމަށާއި ބީ.ޕީ.ޓީ ބަޔާން ފުރުމުގައި އެހީތެރިވެދިނުމަށް އދ، ގދ، އަދި އައްޑޫ ސިޓީ އަށް މީރާގެ ޓީމުތަކެއް ފުރައިފިއެވެ. މި ދަތުރުތަކުގައި ދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅަކުންވެސް ވަކި ރަށްތަކަކަށެވެ. މި ރަށްތައް ކަނޑައަޅާފައިވަނީ އެ ރަށްތަކުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި އަދި މިހާތަނަށް ޖީއެސް.ޓީ ގެ ގޮތުގައި ދައްކައިފައިވާ ފައިސާގެ ނިސްބަތަށް ބަލައިގެންނެއެވެ. މި ދަތުރުތަކުގައި މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) އަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ހިސާބުތައް އޮޑިޓްކުރުމާއި، އެ ފަރާތްތަކުން ޢަމަލުކުރަމުންދަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލާ ޗެކުކުރުމާއި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުން ލާޒިމްވާ ފަރާތްތައް ރަޖިސްޓަރީކުރުވުމުގެ މަސައްކަތްތައްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

 

މި ދަތުރުތަކުގައި ބީ.ޕީ.ޓީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ހިސާބުކޮށްދިނުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގައި ވިޔަފާރިކުރާ އަމިއްލަ ފަރުދުންގެ ތެރެއިން އާމްދަނީގެ ގޮތުގައި އަހަރަކު -/750,000 (ހަތްލައްކަ ފަންސާސް ހާސް) ރުފިޔާ އާއި 10,000,000/- (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ ފަރާތްތަކަށެވެ. އަދި މިއޮތޯރިޓީގެ ޓީމުތަކުގެ އެހީތެރިކަމާއެކު ތައްޔާރުކުރާ ހިސާބުތަކުގެ މައްޗަށް ބިނާކޮށް ޓެކްސް ބަޔާން ތައްޔާރުކުރާ ފަރާތްތަކުން އޮޑިޓްކޮށްފައިވާ އިތުރު ހިސާބުތަކެއް ހުށަހަޅަން ނުޖެހޭނެއެވެ.

 

2011 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގެ ތެރެއިން ހއ، ށ އަދި ރ އަތޮޅަށް 28 ޖޫން ގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ. 2011 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި ފައިނަލް ޕޭމަންޓް ދައްކަންޖެހޭ އެންމެ ފަހު ތާރީޚަކީ 31 ޖުލައި 2012 އެވެ.

27-06-12