މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އަށް އައު ބަދަލުތަކެއް

މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އިތުރު ބަދަލުތަކަކާއެކު އަލުން ޝާޢިއުކޮށްފިއެވެ.

މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އަކީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކުގެ ފެންވަރާއި، މީރާގެ ކިބައިން ޓެކްސް ދައްކާ ފަރާތްތަކާއި އަދި އެހެނިހެން ފަރާތްތަކުން އުންމީދުކުރެވިދާނެ ކަންތައްތައް ހިމަނައިގެން މީރާއިން ތައާރަފުކޮށްފައިވާ ޗާޓަރއެކެވެ. މީގެ އިތުރުން، މި ޗާޓަރގައި ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައްވެސް ބަޔާންކުރެވިފައިވެއެވެ. މި ޗާޓަރގެ ބޭނުމަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ އިތުރުން، ޚިދުމަތް ހޯދާ ފަރާތްތަކުންވެސް މީރާއަށް އެހީތެރިވެދިނުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

"ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އަށް ގެނެވިފައިވާ ބަދަލުތަކަށް ބަލާއިރު، މީރާގެ ޚިދުމަތުގެ ފެންވަރުގެ މިންގަޑުތަކަށް ވަނީ ބަދަލުގެނެސްފައެވެ. މީގެ އިތުރުން، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމުގައި މީރާގެ އޮންލައިން ޚިދުމަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، މި ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދިނުމަށް ބާރުއަޅައިފައިވާކަން ފާހަގަކުރެވެއެވެ.

މި ޗާޓަރުގައި ކަނޑައަޅައިފައިވާ ޚިދުމަތުގެ ފެންވަރުތަކާ އެއްހަމައަށް މީރާގެ ޚިދުމަތްތައް ދިނުމަށް މީރާއިން ބޮޑު އިސްކަމެއް ދޭނެކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. އަދި މީރާގެ އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުވައިދޭ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި އަބަދުވެސް އޮތުންކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

 

ގުޅުންހުރި ލިޔުންތައް:

https://www.mira.gov.mv/TaxpayerCharter/Taxpayer_Charter_Dhivehi_20210119.pdf

https://www.mira.gov.mv/TaxpayerCharter/Taxpayer_Charter_English_20210119.pdf

 

 

19-01-21