2020 ގައި މީރާއިން އާމްދަނީގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ބަލައިގަނެފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2020 ވަނަ އަހަރު ޖުމްލަ 10.5 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު %37.7 ދަށް އަދަދެއް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

2020 ވަނަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 41.1% ނުވަތަ 4.31 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސް އެވެ. އެއީ %18.0 ނުވަތަ 1.89 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީ ލިބިފައިވަނީ ބީ.ޕީ.ޓީ (1.77 ބިލިއަން ރުފިޔާ ނުވަތަ %16.9) އާއި، ޓޫރިޒަމް ލޭންޑް ރެންޓް (702.78 މިލިއަން ރުފިޔާ ނުވަތަ %6.7) އަދި  ގްރީން ޓެކްސް (351.95 މިލިއަން ރުފިޔާ ނުވަތަ %3.4) އިންނެވެ. 2020 ވަނަ އަހަރު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 296.84 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

2020 ވަނަ އަހަރު ލިބިފައިވާ އާމްދަނީގެ ތެރެއިން ޑިސެންބަރު މަހު ބަލައިގަތް ޖުމްލަ އާމްދަނީއަކީ 1.04 ބިލިއަން ރުފިޔާކަމަށް މީރާއިން މައުލޫމާތުދެއެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު %34.1 ދަށް އަދަދެކެވެ. މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޑިސެންބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޑިސެންބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ. މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޑިސެންބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ އިތުރު ސަބަބެކެވެ. މި ފީ ޑިސެންބަރު 2020 ގައި ލިބިފައި ނުވެއެވެ.

ޑިސެންބަރު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 39.0% ނުވަތަ 404.66 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިން އެވެ. އެއީ %30.1 ނުވަތަ 311.80 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 138.75 މިލިއަން ރުފިޔާ (13.4%)، އިންކަމް ޓެކްސްގެ ގޮތުގައި 50.19 މިލިއަން ރުފިޔާ (4.8%)، ރެސިޑެންޓް ޕަރމިޓް ގޮތުގައި 26.19 މިލިއަން ރުފިޔާ (2.5%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 105.69 މިލިއަން ރުފިޔާ (10.2%) ހިމެނެއެވެ.

ޑިސެންބަރު 2020 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 39.13 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/reports/December_2020.pdf

 

 

10-01-21