މީރާއިން އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކަރ އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރުމަށް އައު ސްޓިކަރއެއް ތައާރަފުކޮށް 1 ޖަނަވަރީ 2021 އިން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އޮންލައިންކޮށް ސްޓިކަރ ލިބޭނެ އިންތިޒާމް މީރާއިން ހަމަޖައްސައިފިއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، 1 ޖަނަވަރީ 2021 އިން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން ސްޓިކަރ ދޫކުރާނީ އީމޭލް މެދުވެރިކޮށް، އެ ފަރާތުން އަމިއްލައަށް ޕްރިންޓްކުރެވޭނެ ގޮތަށެވެ. މީގެ އިތުރުން، މީރާއިން މައުލޫމާތުދޭގޮތުގައި، އެއްގަމު އުޅަނދުގެ އަހަރީ ފީ އެ އޮތޯރިޓީގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށްވެސް 1 ޖަނަވަރީ 2021 އިން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ މި ދެންނެވުނު ސްޓިކަރއެވެ.

އެހެންނަމަވެސް، 31 ޑިސެންބަރު 2020 ގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކަރ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

އަހރީ ފީ ސްޓިކާއަށް މި ގެނެވުނު ބަދަލާއެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވުމުގެ އިތުރަށް، ސްޓިކާގައިވާ QR ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްޚަކަން ބެލޭނެ ގޮތް ހަމަޖެހިފައިވާތީ، ވެހިކަލް ފީ ދައްކައިފައިވާކަން ކަމާބެހޭ އިދާރާތަކުން ބެލުމުގެ ނިޒާމަށް މިކަމުގެ ސަބަބުން އިތުރު ހަރުދަނާކަމެއް އަންނާނެކަމަށްވެސް މީރާއިން މައުލޫމާތު ދެއްވައެވެ.

މީރާއަކީ އަބަދުވެސް މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށް ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގުތައް ހޯދައި، އަދި މިހާތަނަށް ގިނަ އައު ޚިދުމަތްތަކެއް ތައާރަފުކޮށްފައިވާ އޮތޯރިޓީއެކެވެ. މި ގޮތުން، މީރާއިން ފޯރުކޮށްދޭ މައިގަނޑު ހުރިހާ ޚިދުމަތެއް މިހާރު މީރާއަށް ނުގޮސް އޮންލައިންކޮށް ލިބޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

 

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/announcement/iulaan_20201230.pdf

 

30-12-20