ފެބުރުވަރީ މަހު މީރާއިން 1.43 ބިލިއަން ރުފިޔާ ބަލައިގަނެފި

ފެބުރުވަރީ 2020 ގައި މީރާއަށް 1.43 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 12.3% އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 2.2% އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ފެބުރުވަރީ 2020 ގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އަދި ކުރީ އަހަރުގެ ފެބުރުވަރީ 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ބީ.ޕީ.ޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކާ ދިމާވުމުން ފެބުރުވަރީ މަހަށް ސުންގަޑި ބަދަލުވުމުގެ ސަބަބުން، މި މަހުގައި ލިބިފައިވާ ފައިސާ އިތުރުވުން ހިމެނެއެވެ. އަދި، ފެބުރުވަރީ 2019 އާއި އަޅާ ބަލާއިރު ފެބުރުވަރީ 2020 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މީހުން ފުރާފައިވާ މިންވަރު އިތުރުވެފައިވުމުގެ ސަބަބުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގެ ލިބިފައިވާ ފައިސާ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން، ފެބުރުވަރީ 2020 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ 'ވަންސް-އޮފް ޕޭމަންޓް' އެއް ކަމުގައި ވުމުން ކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.

ފެބުރުވަރީ 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 43.7% ނުވަތަ 623.73 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ އިންނެވެ. އެއީ %28.9 ނުވަތަ 412.54 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 77.02 މިލިއަން ރުފިޔާ (5.4%)، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.8 މިލިއަން ރުފިޔާ (5.4%) އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 72.53 މިލިއަން ރުފިޔާ (5.1%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 168.86 މިލިއަން ރުފިޔާ )11.6%) ހިމެނެއެވެ.

ފެބުރުވަރީ 2020 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 57.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/reports/February2020.pdf

10-03-20