އިންކަމް ޓެކްސް ގަވާއިދު ގެޒެޓްކޮށްފި

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު ގެޒެޓްކޮށްފިއެވެ.

މި ގަވާއިދަކީ 31 ޑިސެންބަރު 2019 ގައި ގެޒެޓްކޮށްފައިވާ ގަވާއިދުގައި ހުރި ބައެއް ބައިތަކަށް އިސްލާހު ގެނެސް، އެ ގަވާއިދުގައި ހިމެނުނު ބައެއް ކަންކަން އިތުރަށް ފުރިހަމަކޮށް އަދި ޤާނޫނުގައި ހިމެނޭ ކަންކަމުގެ ތެރެއިން އިތުރުބައިތައް ހިމެނުމަށްފަހު އެކުލަވާލެވިފައިވާ ގަވާއިދެކެވެ. މީގެ އިތުރުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ތަންފީޒުކުރުމަށްޓަކައި އަމަލުކުރާނެ އަސާސްތައް މި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

މި ގަވާއިދު އެކުލަވާލުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލުން ލިބިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ގޮތުން، ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ދެ ފަހަރެއްގެ މަތިން މީރާއިން ވަނީ ހުޅުވައިލައިފައެވެ. މި ގޮތުގެ މަތިން، ގަވާއިދުގެ ދެލިކޮޕީއަށް އެކި ފަރާތްތަކުން މީރާއަށް ވަރަށް ގިނަ ހިޔާލު ލިބިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، މީގެ އިތުރުން، އެކި ސްޓޭކްހޯލްޑަރުންނާ އެކު ބޭއްވުނު ބައްދަލުވުންތަކުގެ ތެރޭގައި 27 ފަރާތަކާއި މީރާއިން ވަނީ ބައްދަލުކޮށް މި ގަވާއިދާ ގުޅޭ މައުލޫމާތު ހިއްސާކޮށް ހިޔާލުބަދަލުކޮށްފައެވެ. މި ބައްދަލުވުންތަކުގެ ބައިވެރިންގެ ފަރާތުންވެސް ގިނަ ހިޔާލުތަކެއް ލިބިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ އެކިއެކި އޮފީސްތަކާއި އިދާރާތަކާއި، އާންމު ވިޔަފާރިތަކާއި ކުންފުނިތައް އަދި އެކިއެކި ޖަމިއްޔާއާއި ޖަމާއަތްތައް ހިމެނެއެވެ.

އިންކަމް ޓެކުހަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މީރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، މީރާއިން މިހާތަނަށް އާންމުންނަށް ހުޅުވާލައިގެން 70 މައުލޫމާތު ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގެ ތެރެއިން 741 މީހުންނަށް އިންކަމް ޓެކުހާ ގުޅޭ އެކިއެކި މުހިއްމު މައުލޫމާތު ހިއްސާކޮށްފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ސަރުކާރުގެ 22 އޮފީހަކަށް މައުލޫމާތު ސެޝަންތައް ނަގައިދީފައިވާކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.

އިންކަމް ޓެކްސް ގަވާއިދު މިހާރު މީރާގެ ވެބްސައިޓުން ބަލައިލެވޭނެއެވެ.

 

އިތުރު މައުލޫމާތު: https://www.mira.gov.mv/TaxLegislation/income-tax-regulation-gazette-20200310.pdf

 

10-03-20