ޖަނަވަރީ މަހު މީރާއިން 1.81 ބިލިއަން ރުފިޔާ ބަލައިގެންފި

ޖަނަވަރީ 2020 ގައި މީރާއަށް 1.81 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %7.4 އިތުރު އަދަދެކެވެ. ނަމަވެސް، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ދަށް އަދަދެކެވެ.

ޖަނަވަރީ 2020 ގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޑިސެންބަރު 2018 އާއި އަޅާ ބަލާއިރު ޑިސެންބަރު 2019 ގައި ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު %13.6 އިތުރުވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި ޓެކްސްތައް އިތުރުވެފައިވުމާއި، ޓޫރިޒަމް ލޭންޑް ރެންޓުގެ ފަހު ޑެޑްލައިންގެ ބައެއް ފައިސާ ޖަނަވަރީ 2020 ގައި ލިބިފައިވުންކަމަށް މީރާއިން މައުލޫމާތު ދެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ ޖަނަވަރީ މަހުގެ ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުތަކަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އަދަދު މަދުވެފައިވުމާއި، ޖަނަވަރީ 2019 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އެއް ކަމުގައި ވުންކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.

ޖަނަވަރީ 2020 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %44.5 ނުވަތަ 807.13 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީއިންނެވެ. އެއީ %35.6 ނުވަތަ 645.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 84.93 މިލިއަން ރުފިޔާ (4.7%)، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 69.20 މިލިއަން ރުފިޔާ (3.8%)، އެއަރޕޯޓު ސަރވިސް ޗާޖުގެ ގޮތުގައި 68.68 މިލިއަން ރުފިޔާ (3.8%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 138.13 މިލިއަން ރުފިޔާ (7.6%) ހިމެނެއެވެ.

ޖަނަވަރީ 2020 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 64.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

  • ގުޅުންހުރި ލިޔުންތައް:

 

11-02-20