2019 ގައި މީރާއިން އާމްދަނީގެ ގޮތުގައި 16.79 ބިލިއަން ރުފިޔާ ބަލައިގަނެފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2019 ވަނަ އަހަރު ޖުމްލަ 16.79 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މިއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު %2.7 އިތުރު އަދަދެކެވެ. އަދި މިއީ 2019 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ %2.9 އިތުރު އަދަދެކެވެ.

2019 ވަނަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %46 ނުވަތަ 7.74 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބި.ޕީ.ޓީއެވެ. އެއީ %17 ނުވަތަ 2.90 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (1.65 ބިލިއަން ރުފިޔާ ނުވަތަ %10) އާއި، ގްރީން ޓެކްސް (850.27 މިލިއަން ރުފިޔާ ނުވަތަ %5) އަދި  އެއަރޕޯޓް ޑެވެލޮޕްމަންޓް ފީ (728.91 މިލިއަން ރުފިޔާ ނުވަތަ %4) އިންނެވެ. 2019 ވަނަ އަހަރު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 653.07 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

2019 ވަނަ އަހަރު ލިބިފައިވާ އާމްދަނީގެ ތެރެއިން ޑިސެންބަރު މަހު ބަލައިގަތް ޖުމުލަ އާމްދަނީއަކީ 1.56 ބިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު %8.9 އިތުރު އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ ޑިސެންބަރު މަހަށްވުރެ އިތުރުވެފައިވުން ކަމަށް މީރާއިން ހާމަކުރެއެވެ. އެގޮތުން، ޓީ.ޖީ.އެސް.ޓީ، ވިތުހޯލްޑިންގ ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 2019 ވަނަ އަހަރު ލިބިފައިވާ ފައިސާ، 2018 ވަނަ އަހަރާ އަޅައިބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ޑިސެންބަރު 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %42.1 ނުވަތަ 658.04 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (361.95 މިލިއަން ރުފިޔާ ނުވަތަ %23.2) އިންނެވެ. އަދި ބީ.ޕީ.ޓީ (120.96 މިލިއަން ރުފިޔާ ނުވަތަ %7.7) އާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ (76.7 މިލިއަން ރުފިޔާ ނުވަތަ %4.9) އާއި، ގްރީން ޓެކްސް (68.79 މިލިއަން ރުފިޔާ ނުވަތަ %4.4) އަދި އެހެނިހެން ޓެކުހާއި ފީ (277.03 މިލިއަން ރުފިޔާ ނުވަތަ %17.7) ހިމެނެއެވެ.

ޑިސެންބަރު 2019 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 74.00 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/reports/Dec19.pdf

09-01-20