އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު ގެޒެޓްކޮށްފި

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު މީރާއިން މިއަދު ގެޒެޓުކޮށްފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/25) ގެ ދަށުން ހަދާފައިވާ މި ގަވާއިދުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ އެކިއެކި ކަންކަމުގައި ޢަމަލުކުރާނެގޮތް ކަނޑައެޅިފައިވެއެވެ. މީގެ ތެރޭގައި، އާމްދަނީން ނެގޭ ޓެކުހަށް ޓެކްސް ދައްކާ ފަރާތްތައް ރަޖިސްޓަރީކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ހިމެނެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މިހާރު މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަލުން މީރާގައި ރަޖިސްޓަރީކުރާކަށް ނުޖެހޭނެކަމަށް ގަވާއިދުގައި ކަނޑައަޅައިފައިވާކަމާށް މީރާއިން މައުލޫމާތު ދެއެވެ. އަދި އެ ފަރާތްތައް އައު ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ކަންތައްތައް މީރާއިން ކުރިއަށް ގެންދާނެކަމަށް ވެސް އެ އޮތޯރިޓީން ހާމަކުރެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން، މުވައްޒަފުންގެ އުޖޫރައިން ނެގޭ ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭ ފަރާތްތައް މީރާގައި ރަޖިސްޓަރީކުރުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން، ވަޒީފާ އަދާކުރާ ފަރާތްތައް ޓެކުހަށް ރަޖިސްޓަރީ ކުރަންޖެހޭނީ އުޖޫރައިގެ ގޮތުގައި 12 މަސްދުވަހުގެ މުއްދަތެއްގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް، ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ލިބޭނަމަ، ނުވަތަ ލިބޭނެ ކަމަށް އަންދާޒާކުރެވޭނަމައެވެ. އަދި ވަޒީފާ ދޭ ފަރާތަކުން އުޖޫރަ ދޭ އެއްވެސް މުވައްޒަފަކު މީރާގައި ރަޖިސްޓަރީކުރުމަށް ލާޒިމުވެއްޖެނަމަ، އެ ފަރާތަކުން އުޖޫރަ ދޭ ހުރިހައި މުވައްޒަފުން މީރާގައި ރަޖިސްޓަރީކުރުން ލާޒިމުވާނެއެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ އެންމެހައި ފަރާތްތައް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ދަށުން ރަޖިސްޓަރީކުރަން ޖެހެއެވެ.

މީގެ އިތުރުން، އުޖޫރަނޫން ގޮތަކަށް އާމްދަނީ ހޯދާ ފަރުދުންނާއި، ޑީމްޑް ޕާޓްނަރޝިޕްތަކުން އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީ ކުރަން ޖެހެނީ، އެ ފަރާތުން ވިޔަފާރި ހަރަކާތެއް ހިންގުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދައެއް ނުވަތަ ލައިސަންސެއް ދޫކޮށްފައިވާނަމަ، ނުވަތަ އެ ފަރާތުން އުޖޫރަ ދޭ މުވައްޒަފެއްގެ އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ 1 ނުވަތަ އެއަށްވުރެ ގިނަ މުވައްޒަފުން ތިބޭނަމަ ނުވަތަ، 12 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފަރާތުން ހިންގާ ހުރިހައި ވިޔަފާރި ހަރަކާތެއްގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް 40,000/- (ސާޅީސް ހާސް) ރުފިޔާއަށްވުރެ އިތުރަށް ލިބޭނަމައެވެ. އަދި، އެއް ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރައިގެ ގޮތުގައި މަހަކު 40,000/- ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރުދުންވެސް އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހެއެވެ.  

އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުން މީރާގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންވާނީ، "އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރުން" (MIRA 117) ފޯމެވެ. މި ފޯމް ހުށަހަޅަން ޖެހޭނީ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައިކަމަށް މީރާއިން މައުލޫމާތުދެއެވެ. ނަމަވެސް، އުޖޫރަ ލިބޭ މުވައްޒަފުން ރަޖިސްޓަރީކުރުމަށް އުޖޫރަ ދޭ ފަރާތްތަކުން ހުށަހަޅަންވާނީ، "އުޖޫރަ ލިބޭ މީހާ ރަޖިސްޓަރީކުރުން" (MIRA 118) ފޯމުކަމަށް ވެސް މީރާއިން ހާމަކުރެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އަދި، މި ޤާނޫނުގެ ދަށުން، 1 އެޕްރީލް 2020 އިން ފެށިގެން މުވައްޒަފުންގެ އުޖޫރައިން ޓެކްސް ނަގަން ފަށާނެއެވެ. އަދި، މި ޤާނޫނުގެ ދަށުން 1 ޖަނަވަރީ 2020 އިން ފެށިގެން ޓެކްސް ނަގަން ފެށުމާއެކު ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ނެގެމުން އައި ރެމިޓެންސް ޓެކްސް އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ނެގޭ ލޭންޑް ސޭލްސް ޓެކްސް އެއްކޮށް އުވިގެންދާނެއެވެ.

 

ގުޅުންހުރި ލިޔުންތައް:

https://www.mira.gov.mv/TaxLegislation/income-tax-regulation-gazette.pdf

 

31-12-19