25 ޑިސެންބަރު 2019 ގައި މީރާއިން ނެރެފައިވާ ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤާނޫނު ނަންބަރު 2019/25 )އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން 1 ޖަނަވަރީ 2020 އިން ފެށިގެން ޓެކްސް ނަގަން ފެށުމާއެކު، ޤާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އުވިގެން ދާނެތީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ބޭނުމަށް، އޮޑިޓަރުން ރަޖިސްޓަރީކުރުމުގެ މަސައްކަތް 25 ޑިސެންބަރު 2019 އިން ފެށިގެން ދެން އިތުރަށް މީރާއިން ކުރިއަށް ނުގެންދާނެއެވެ. އެހެން ނަމަވެސް، މީރާގައި އޮޑިޓަރުންގެ ދަފުތަރުގައި މި ވަގުތު ތިބި ފަރާތްތަކަށް، 31 ޑިސެންބަރު 2020 ގެ ނިޔަލަށް ހުށަހަޅާ ބީ.ޕީ.ޓީ ބަޔާންތަކާއެކު ހުށަހަޅާ އޮޑިޓަރުގެ ރިޕޯޓުގައި ސޮއިކުރެވޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. މިގޮތަށް އޮޑިޓް ރިޕޯޓްތަކުގައި ސޮއިކުރެވޭނީ އެ އޮޑިޓަރު ރަޖިސްޓަރީކުރެވިފައިވާ ކެޓަގަރީއާ ތަޢާރަޒުނުވާ ގޮތަށްކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ.
ޤާނޫނު ނަންބަރު 2019/25 ( އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ބަޔާނާއެކު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހުށަހަޅަންޖެހޭ ފަރާތްތަކުން ބަޔާން ހުށަހަޅަން ޖެހޭނީ، އެ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކަމާބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާ އެކުގައިކަމަށް މީރާއިން މައުލޫމާތުދެއެވެ.
ގުޅުންހުރި ލިޔުންތައް:
https://www.mira.gov.mv/circulars/Circular-auditors-regd-for-the-purpose-of-bpt-20191225.pdf