އައްޑޫ ސިޓީގެ ހުޅުމީދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.
ހުޅުމީދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ. މި ކަލެކްޝަން ސެންޓަރުގެ އިތުރުންވެސް، 2012 ވަނަ އަހަރު އައްޑޫ ސިޓީގެ ހިތަދޫގައި ހުޅުވާފައިވާ މީރާގެ އައްޑޫ ބްރާންޗް މެދުވެރިކޮށް އައްޑޫ ސިޓީއަށް މީރާގެ ޚިދުމަތްތައް ދެމުން ގެންދާކަން އެ އޮތޯރިޓީއިން ފާހަގަކުރެއެވެ.
އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބެއެވެ. އޭގެތެރޭގައި ވިޔަފާރިތައް މީރާގައި ރަޖިސްޓްރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެއެވެ.
މީރާގެ އޮފީސްތައް 14 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.