ނޮވެންބަރު މަހު މީރާއިން 1.15 ބިލިއަން ރުފިޔާ ބަލައިގަނެފި

ނޮވެންބަރު 2019 ގައި މީރާއަށް 1.15 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %17.7 އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %33.5 އިތުރު އަދަދެކެވެ.

ނޮވެންބަރު 2019 ގައި ލިބިފައިވާ ޖުމްލަ އާމްދަނީ ކުރީ އަހަރުގެ ނޮވެންބަރު މަހު ލިބުނު އާމްދަނީއަށްވުރެ އިތުރު ވެފައިވާ ސަބަބަކީ ނޮވެންބަރު 2019 ގައި ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓް ސަރވިސް ޗާޖް، ގްރީން ޓެކްސް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.

ނޮވެންބަރު 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %56.6 ނުވަތަ 651.68 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައެވެ. އެއީ %13.3 ނުވަތަ 153.6 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 73.15 މިލިއަން ރުފިޔާ (6.4%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 60.17 މިލިއަން ރުފިޔާ (5.2%)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 59.73 މިލިއަން ރުފިޔާ (5.2%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 152.40 މިލިއަން ރުފިޔާ (13.2%) ހިމެނެއެވެ.

ނޮވެންބަރު 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 51.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/reports/Nov19.pdf

10-12-19