މީރާގެ މުވައްޒަފުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ކްލާސްރޫމެއް ހެދުމަށް މީރާގެ މުވައްޒަފުން ފައިސާ ހަދިޔާކޮށްފިއެވެ. މިއީ، މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ހިންގަމުންދާ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ. މި ގޮތުން، މި އަހަރުގެ ހަރަކާތުގައި މީރާގެ މުވައްޒަފުންގެ ފަރާތުން 65،000 ރުފިޔާ ވަނީ ފިޔަވައްޗަށް ހަދިޔާކޮށްފައެވެ.

މިއަދު ހަވީރު ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު، އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް، އުފާވެރި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. މި ހަވީރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަސްމާ ޝަފީޢުގެ އިތުރުން މީރާގެ ގިނަ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. އަދި ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމްއާއި ފިޔަވަތީގެ މުވައްޒަފުން ބައިވެރިވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ފަތުހުﷲ ޖަމީލް ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މިފަދަ ގިނަ ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ. ކޮމިޝަނަރގެ ވާހަކަފުޅުގައި ފިޔަވަތީގެ މުވައްޒަފުން ކުރައްވާ މުހިއްމު އަދި ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމް ވާހަކަފުޅުގައި، މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ލިބިގެންދާ އެހީތަކަކީ މިފަދަ ތަންތަން ހިންގުމަށް ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމެއްކަން ފާހަގަކުރައްވައި މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން މުޢައްސަސާތަކުން ވެސް މިފަދަ ހަރަކާތްތައް ކުރިއައް ގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

 

05-12-19