ޖުލައި މަހު މީރާއިން 2.16 ބިލިއަން ރުފިޔާ ބަލައިގަނެފި

ޖުލައި 2019 ގައި މީރާއަށް 2.16 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 1.3% އިތުރު އަދަދެކެވެ. ނަމަވެސް، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 1.3% ދަށް އަދަދެކެވެ.

ވޭތުވެދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ ޖުލައި މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. އެހެންނަމަވެސް، މި އަހަރުގެ ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައިވާ މިންވަރު، އަންދާޒާކުރި މިންވަރަށްވުރެ ދަށްވެފައިވުން ކަމުގައި މީރާއިން ހާމަކުރެއެވެ.

ޖުލައި 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީއެވެ. އެއީ %40.5  ނުވަތަ 873.71 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ 23.7% ނުވަތަ 510.73 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ކުލީގެ ގޮތުގައި 436.10 މިލިއަން ރުފިޔާ (20.2%)،  ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 67.31 މިލިއަން ރުފިޔާ (3.1%)، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 50.17 މިލިއަން ރުފިޔާ (2.3%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 220.79 މިލިއަން ރުފިޔާ (10.2%) ހިމެނެއެވެ.

ޖުލައި 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 50.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

 

08-08-19