ސެޕްޓެންބަރު މަހު މީރާއިން 1.2 ބިލިއަން ރުފިޔާ ބަލައިގަނެފި

ސެޕްޓެންބަރު 2019 ގައި މީރާއަށް 1.2 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %3.2 ދަށް އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %13 ދަށް އަދަދެކެވެ.

ވޭތުވެދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ ސެޕްޓެންބަރު މަހު ޖީ.އެސް.ޓީ، ބީ.ޕީ.ޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައި ވީނަމަވެސް، ސެޕްޓެންބަރު 2019 ގައި ލިބިފައިވާ ޖުމްލަ އާމްދަނީ ކުރީ އަހަރުގެ ސެޕްޓެންބަރު މަހު ލިބުނު އާމްދަނީއަށްވުރެ ދަށްވެފައިވާ ސަބަބަކީ ސެޕްޓެންބަރު 2018 ގައި ލޭންޑް އެކިއުޒިޝަން ފީ އަދި ކޮންވަރޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އެއް ކަމަށް ވަތީ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، މި އަހަރުގެ ސެޕްޓެންބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައި ނުވާތީ ކަމުގައި މީރާއިން ހާމަކުރެއެވެ.

ސެޕްޓެންބަރު 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %42.6 ނުވަތަ 519.95 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިންނެވެ. އެއީ %26.9 ނުވަތަ 328.79 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 74.34 މިލިއަން ރުފިޔާ (6.1%)، ބީ.ޕީ.ޓީގެ ގޮތުގައި 68.34 މިލިއަން ރުފިޔާ (5.6%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 66.79 މިލިއަން ރުފިޔާ (5.5%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 162.32 މިލިއަން ރުފިޔާ (13.3%) ހިމެނެއެވެ.

ސެޕްޓެންބަރު 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 56.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/reports/Sep19.pdf

13-10-19