އޮކްޓޫބަރު މަހު މީރާއިން 927.61 މިލިއަން ރުފިޔާ ބަލައިގަނެފި

އޮކްޓޫބަރު 2019 ގައި މީރާއަށް 927.61 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %10.1 ދަށް އަދަދެކެވެ. ނަމަވެސް، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %6.8 އިތުރު އަދަދެކެވެ.

ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، މި އަހަރުގެ އޮކްޓޫބަރު މަހު ޖީ.ޖީ.އެސް.ޓީ، ޓީ.ޖީ.އެސް.ޓީ، ބީ.ޕީ.ޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ މަދުވެފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ. އޮކްޓޫބަރު 2019 ގައި ލިބިފައިވާ ޖުމްލަ އާމްދަނީ ކުރީ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީއަށްވުރެ ދަށްވެފައިވާ ސަބަބަކީ އޮކްޓޫބަރު 2018 ގައި ލޭންޑް އެކިއުޒިޝަން ފީ އަދި ކޮންވަރޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އެއް ކަމަށް ވާތީ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، މި އަހަރުގެ އޮކްޓޫބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑީގެ ފަހުން ދައްކާފައިވާތީ ކަމަށް މީރާއިން ހާމަކުރެއެވެ. މި ފައިސާ އަކީ އޮކްޓޫބަރު މަހުގެ ތެރޭގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ފައިސާގެ ތެރޭގައި ހިމަނާފައިވާ ފައިސާއެއް ނޫނެވެ.

އޮކްޓޫބަރު 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %59.8 ނުވަތަ 554.88 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ %8.5 ނުވަތަ 79.07 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 53.03 މިލިއަން ރުފިޔާ (5.7%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 51.12 މިލިއަން ރުފިޔާ (5.5%)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 50.37 މިލިއަން ރުފިޔާ (5.4%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 139.14 މިލިއަން ރުފިޔާ (15%) ހިމެނެއެވެ.

އޮކްޓޫބަރު 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 35.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/reports/Oct19.pdf

12-11-19