މީރާއިން އޯޕަންޑޭ އެއް ބާއްވައިފި

ޓެކްސްދައްކާ ފަރާތްތަކާއި އާންމު ފަރުދުން ޓެކުހުގެ ނިޒާމަށް އަހުލުވެރިކުރުމުގެ ގޮތުން މީރާއިން ކުރިއަށް ގެންދާ 'ޓެކްސް ވީކް' ގެ ހަރަކާތެއްގެ ގޮތުގައި 'މީރާ އޯޕަންޑޭ' މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހެނދުނު 9:00 އިން ހަވީރު 4:00 އަށް ބޭއްވުނު މި އޯޕަންޑޭގެ މަޤްސަދަކީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކާއި ވަޒީފާ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު އާންމުންނަށާއި މީރާގައި ވަޒީފާ އަދާކުރަންބޭނުންވާ ފަރާތްތަކަށް ފޯރުވައިދިނުމެވެ. މިގޮތުން މީރާއަށް ޒިޔާރަތްކުރި ފަރާތްތަކަށް މީރާގެ އެކި ޑިޕާޓްމަންޓްތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން، އެ ފަރާތެއް ކިޔަވާ ނުވަތަ ކިޔަވާފައިވާ ދާއިރާއާ ގުޅިގެން މީރާގައި އަދާ ކުރެވޭނެ ވަޒީފާތަކުގެ މައުލޫމާތު ދީފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި މީރާގެ އެކި ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކޮށް އެ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުކޮށް، ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލެވުނު ކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން 'މީރާ އޯޕަންޑޭ' ގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 500 ރުފިޔާގެ އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

'މީރާ އޯޕަންޑޭ' ގައި ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންނާއި އާންމުން ވަނީ ބައިވެރިވެފައެވެ.

 

04-08-19