މީރާގެ "ހޭވައްލާ-ސާފުކުރަމާ" ޕްރޮގްރާމުގެ ދަށުން ވިލިމާލެ އަތިރިމަތި ސާފުކޮށްފި

މީރާގެ "ހޭވައްލާ-ސާފުކުރަމާ" ޕްރޮގްރާމުގެ ދަށުން ވިލިމާލެ އަތިރިމަތި ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ހިންގައިފިއެވެ. ހެނދުނު 7:00 ގައި ފެށުނު މި ހަރަކާތުގައި މީރާގެ 175 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ވިލިމާލޭގެ އަތިރިމަތީގެ ބޮޑު ބައެއް ސާފުކޮށް، 200 ކޮތަޅާއި ގާތްކުރާ އަދަދެއްގެ ކުނި ވަނީ އުކާލެވިފައެވެ. މީގެ ކުރީގެ އަހަރުތަކުގައިވެސް މީރާގެ އިސްނެގުމުގެ މަތިން، އެ އޮތޯރިޓީގެ "ހޭވައްލާ-ސާފުކުރަމާ" ޕްރޮގްރާމުގެ ދަށުން، މާލެ އަދި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

 

މިއަދު ހެނދުނު ބޭއްވި ހަރަކާތް ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ މި ހަރަކާތަކީ މީރާގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަ އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިންގާ ހަރަކާތެއް ކަމަށާއި، މީރާގެ މުވައްޒަފުންނަކީ އަބަދުވެސް އިސްނަގައިގެން އިޖްތިމާއީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ޝައުގުވެރިކަން ހުންނަ މުވައްޒަފުންތަކެއް ކަމަށެވެ. އަދި މީރާގެ މުވައްޒަފުންގެ ކްލަބް، 'މީރާ ކްލަބް' މެދުވެރިކޮށް މީރާގެ މުވައްޒަފުން އަމިއްލައަށް ޚަރަދުކޮށްގެން މި ފަދަ އެތައް ހަރަކާތެއް ހިންގައިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މި ފަދަ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެކަށް ކޮމިޝަނަރ ވިދާޅުވެފައިވެއެވެ. މި ހަރަކާތް ރާވައި ހިންގުމުގައި މާލޭ ސިޓީ ކައުންސިލް، ވެމްކޯ އަދި ވިލިމާލެ ޕޮލިސް ސްޓޭޝަން އިން މީރާއަށް ދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ކޮމިޝަނަރ ޝުކުރު އަދާކުރައްވާފައިވެއެވެ.

 

29-06-19