މޭ މަހު މީރާއިން 1.09 ބިލިއަން ރުފިޔާ ބަލައިގަނެފި

މޭ 2019 ގައި މީރާއަށް 1.09 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.4% އިތުރު އަދަދެކެވެ. ނަމަވެސް، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 5.5% ދަށް އަދަދެކެވެ.

ވޭތުވެދިޔަ އަހަރުގެ މޭ މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ މޭ މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ވޭތުވެދިޔަ އަހަރުގެ މޭ މަހާއި އަޅައިބަލާއިރު ޓޫރިސްޓުން ރާއްޖެ އައިސްފައިވާ މިންވަރު 36.3% އިތުރުވެފައިވުމުގެ ސަބަބުން ބީ.ޕީ.ޓީ، ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުމެވެ. އެހެންނަމަވެސް، މި އަހަރުގެ މޭ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދައްވެފައިވުމުގެ މައިގަނޑު ސަބަބަކީ ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައިނުވުމެވެ.

މޭ 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %61.4  ނުވަތަ 666.90 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ އިންނެވެ. އެއީ 8.8% ނުވަތަ 95.40 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 77.66 މިލިއަން ރުފިޔާ (7.2%)،  އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 64.84 މިލިއަން ރުފިޔާ (6.0%)، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 64.27 މިލިއަން ރުފިޔާ (5.9%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 116.62 މިލިއަން ރުފިޔާ (10.7%) ހިމެނެއެވެ.

މޭ 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 43 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

 

11-06-19