އެޕްރީލް މަހު މީރާއިން 1.31 ބިލިއަން ރުފިޔާ ބަލައިގަނެފި

އެޕްރީލް 2019 ގައި މީރާއަށް 1.31 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 2.6%1 އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 6.3% އިތުރު އަދަދެކެވެ.

ވޭތުވެދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އެޕްރީލް މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ބައެއް ޓެކުހުގެ ގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި ދައްކާފައިވުމެވެ. އަދި، އެޕްރީލް މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީ، ޖީ.ޖީ.އެސް.ޓީ، ބީ.ޕީ.ޓީ އަދި ރިޒޯޓު ކުލީގެގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި ދައްކާފައިވުމެވެ.

އެޕްރީލް 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %67.1 ނުވަތަ 875.69 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސް އިންނެވެ. އެއީ 6.4% ނުވަތަ 83.6 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 70.65 މިލިއަން ރުފިޔާ (5.4%)، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 70.13 މިލިއަން ރުފިޔާ (5.4%)، ބީ.ޕީ.ޓީގެ ގޮތުގައި 69.72 މިލިއަން ރުފިޔާ (5.3%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 135.88 މިލިއަން ރުފިޔާ (10.4%) ހިމެނެއެވެ.

އެޕްރީލް 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 55.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

 

12-05-19