މާރިޗު މަހު މީރާއިން 1.51 ބިލިއަން ރުފިޔާ ބަލައިގަނެފި

މާރިޗު 2019 ގައި މީރާއަށް 1.51 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 2.1% ދަށް އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 15.1% ދަށް އަދަދެކެވެ.

މި އަހަރުގެ ފެބުރުވަރީ މަހު ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ވޭތުވެދިޔަ އަހަރަށްވުރެ 16% އިތުރުވެފައިވީނަމަވެސް މާރިޗު މަހުގެ އާމްދަނީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ ދައްކަންޖެހޭ ބައެއް ފަރާތްތަކުން ޖީ.އެސް.ޓީ ދައްކާފައިނުވުމެވެ. މީގެ އިތުރުން މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވާ ސަބަބަކީ ޖީ.އެސް.ޓީ އަދި ރިޒޯޓުތަކުގެ ކުލި ދައްކަންޖެހޭ ބައެއް ފަރާތްތަކުން ސުންގަޑިއަށް ފައިސާ ދައްކާފައިނުވުމެވެ.

މާރިޗު 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %48.4 ނުވަތަ 732.11 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ  ޓޫރިޒަމް ލޭންޑް ރެންޓް އިންނެވެ. އެއީ 23.5% ނުވަތަ 355.86 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 87.04 މިލިއަން ރުފިޔާ (5.8%)، ގްރީން ޓެކްސްގެ ގޮތުގައި 83.17 މިލިއަން ރުފިޔާ (5.5%)، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 67.33 މިލިއަން ރުފިޔާ (4.5%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 187.03 މިލިއަން ރުފިޔާ (12.4%) ހިމެނެއެވެ.

މާރިޗު 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/reports/Mar_19.pdf

11-04-19