ކެއަރ ސޮސައިޓީގެ ކުދިންނަށް އެހީވުމަށްޓަކައި ފުރަތަމަ ފަހަރަށް ތެރަޕިސްޓެއް ގެނައުމަށް މީރާގެ މުވައްޒަފުންގެ ފަރާތުން ކެއަރ ސޮސައިޓީއަށް 60,000 ރުފިޔާ ހަދިޔާކޮށްފި

ކެއަރ ސޮސައިޓީގެ ކުދިންނަށް ބޭނުންވާ ހާއްސަ އެހީހެ ތެރޭގައި ހިމެނޭ ސްޕެޝަލައިޒްޑް ތެރަޕިސްޓެއް ފުރަތަމަ ފަހަރަށް ގެނައުމަށްޓަކައި މީރާގެ މުވައްޒަފުންގެ ފަރާތުން ކެއަރ ސޮސައިޓީއަށް 60,000 ރުފިޔާ ހަދިޔާކޮށްފިއެވެ. މިއީ، މީރާގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކޮންމެ އަހަރަކު ވެސް ހިންގާ އެކިއެކި އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މިއަދު ހެނދުނު މީރާގައި ކެއަރ ސޮސައިޓީގެ ކުދިންނަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ފައިސާ ހަވާލުކޮށްފައިވާއިރު، މީރާގެ މުވައްޒަފުން ވަނީ ކެއަރ ސޮސައިޓީގެ ކުދިންނާއެކު ވަގުތު ހޭދަކޮށް އެ ކުދިންނާއި ގުޅުން ބަދަހިކޮށްފައެވެ. މި ހަފުލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ އިސް މުވައްޒަފުން ބައިވެރިވިއެވެ. އަދި ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ، ނައުޝާން މުހައިމިން އާއި ކެއަރ ސޮސައިޓީގެ މުވައްޒަފުން ވެސް ބައިވެރިވެފައިވެއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުން ވަރަށް މުހިއްމުކަމެއް ދީގެން އެމީހުންގެ އަމިއްލަ މުސާރައިން ހޭދަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މި ފަދަ އެތައް ހަރަކާތްތަކެއް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ. އަދި މި ހަރަކާތް ހިނގުމަށްޓަކައި މީރާގެ ބަޖެޓުން ޚަރަދުކޮށްފައިނުވާކަން ފާހަގަކުރައްވައި، މީރާގެ މުވައްޒަފުން މި ދައްކުވައިދޭ އިޖްތިމާޢީ ޒިންމާނެގުމުގެ ހަރަކާތްތަކަކީ މިސާލެއްކަމަށް ބަލައި އެހެން ފަރާތްތަކުން ވެސް މި ފަދަ ކަންކަމުގައި ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާކަމަށް ކޮމިޝަނަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ، ނައުޝާން މުހައިމިން ގެ ވާހަކަފުޅުގައި، މި އެހީއަކީ ކެއަރ ސޮސައިޓީއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އެހީއެއްކަމަށާއި، މީރާގެ މުވައްޒަފުން މި ދެއްވި އެހީގެ ސަބަބުން ސްޕެޝަލައިޒްޑް ތެރަޕިސްޓެއްގެ ފަރާތުން ފުރަތަމަ ފަހަރަށް ކެއަރ ސޮސައިޓީގެ ކުދިންނަށް ބޭނުންވެފައިވާ ތެރަޕީ ސެޝަންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަން ފާހަގަކޮށް މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މި ފަދަ އެހީތަކަކީ ކެއަރ ސޮސައިޓީ ފަދަ މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށާއި، ކުރިއަށް އޮތްތާގައި ވެސް މީރާއާއެކު މިގޮތަށް ގާތުން މަސައްކަތްކުރުމުގެ އުންމީދު ނައުޝާން ފާޅުކުރެއްވިއެވެ.

31-03-19