ފެބުރުވަރީ މަހު މީރާއިން 1.27 ބިލިއަން ރުފިޔާ ބަލައިގަނެފި

ފެބުރުވަރީ 2019 ގައި މީރާއަށް 1.27 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 0.8% އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %3.4 އިތުރު އަދަދެކެވެ.

ފެބުރުވަރީ މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ބީ.ޕީ.ޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.

ފެބުރުވަރީ 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %62.7 ނުވަތަ 794.36 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ އިންނެވެ. އެއީ %10.6 ނުވަތަ 134.38 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 79.73 މިލިއަން ރުފިޔާ (6.3%)، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 61.81 މިލިއަން ރުފިޔާ (4.9%)، އެއަރޕޯޓު ސަރވިސް ޗާޖުގެ ގޮތުގައި 61.65 މިލިއަން ރުފިޔާ (4.9%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 135.96 މިލިއަން ރުފިޔާ )10.5%) ހިމެނެއެވެ.

ފެބުރުވަރީ 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 52.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

 

 

13-03-19