ޖަނަވަރީ 2019 ގައި މީރާއަށް 2.13 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %2.2 އިތުރު އަދަދެކެވެ.
ޖަނަވަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، އަދި، ޑިސެންބަރު 2017 އާއި އަޅާ ބަލާއިރު ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު %5.4 އިތުރުވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި ޓެކްސްތައް އިތުރުވެފައިވުމެވެ.
ޖަނަވަރީ 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީއެވެ. އެއީ %41.4 ނުވަތަ 881.56 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. އެއީ %37.5 ނުވަތަ 799.24 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 78.26 މިލިއަން ރުފިޔާ (%3.7)، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.5 މިލިއަން ރުފިޔާ (%3.6)، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 59.62 މިލިއަން ރުފިޔާ (%2.8) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 235.48 މިލިއަން ރުފިޔާ )%11.1) ހިމެނެއެވެ.
ޖަނަވަރީ 2019ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 67.8 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.