ޖެނުއަރީ މަހުގެ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.2 މިލިއަން ޔޫ.އެސް ޑޮލަރު ލިބިއްޖެ

1 ޖެނުއަރީ 2011 އިން ފެށިގެން ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް (ޓީ.ޖީ.އެސް.ޓީ) ނަގަން ފެށުމާއިއެކު، އެތަންތަނުގެ 01 ޖެނުއަރީ 2011އިން 31 ޖެނުއަރީ 2011ގެ ޓެކްސް ބަޔާނާއި ދައްކަންޖެހޭ ޓެކްސް ދެއްކުމުގެ އެންމެފަހު ތާރީޚަކީ 28 ފެބްރުއަރީ 2011 އެވެ.

މިގޮތުން ޓީ.ޖީ.އެސް.ޓީއަށް ރަޖިސްޓްރީވެފައިވާ 871 ފަރާތުގެ ތެރެއިން ޖެނުއަރީ މަހުގެ ޓެކްސް ބަޔާން 796 ފަރާތަކުން ހުށަހަޅާފައިވެއެވެ. އަދި އެމަހުގެ ޓެކްސްގެ ގޮތުގައި ޖުމްލަ 7.2 މިލިއަން ޔޫ.އެސް.ޑޮލަރ އަށް ވުރެ ގިނައިން ލިބިފައިވެއެވެ. މިއީ ކުރިން އަންދާޒާކުރެވިފައިވާ ޢަދަދަށްވުރެ 09 އިންސައްތަ އިތުރު ޢަދަދެކެވ

ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މި ފެބްރުއަރީ މަހުގެ 26ން 28އަށް އެއޮތޯރިޓީއިން ޚިދުމަތްދޭ ވަގުތުތަކަށް ވަގުތީގޮތުން ބަދަލުތަކެއް ގެނެވުނެވެ. މިގޮތުން 26 ފެބްރުއަރީ 2011 ވީ ހޮނިހިރު ދުވަހު ޚިދުމަތްދެވުނެވެ. އަދި ފެބްރުއަރީ މަހުގެ 27 އަދި 28 ވަނަ ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް ޚިދުމަތްދެވުނެވެ. މީގެ އިތުރުން ޓެކްސް ދައްކާފަރާތްތަކަށް ޢަމާޒުކޮށް އެފަރާތްތައް ޓީ.ޖީ.އެސް.ޓީއަށް އަޙުލުވެރިކުރުމަށާއި ޓެކްސް ބަޔާން ފުރިހަމަކުރުމަށް އެހީތެރިވެދިނުމަށް ޕްރެޒެންޓޭޝަންތަކާއި ސެމިނަރތައް ބޭއްވިފައިވާނެއެވެ. އަދި ރިޒޯޓުތަކާއި ހޮޓާތަކަށް ޒިޔާރަތްކޮށްގެންވެސް މިކަމާބެހޭގޮތުން މަޢުލޫމާތު ދެވިފައިވާނެއެވެ. އަދި ޓެކްސް ބަޔާން ފުރިހަމަކުރެއްވުމަށް ބޭނުންވާނެ މަޢުލޫމާތުތައް ގެންނެވުމުން ޓެކްސް ބަޔާން ފުރިހަމަކުރެއްވުމަށް ވެސް އެހީތެރިވެދެވިފައިވާނެއެވެ.

28-02-11