މީރާގައި ރަޖިސްޓަރީކުރުމަށް ލާޒިމުނުވާ ފަރާތްތައް ރަޖިސްޓަރީން އުނިކުރަން ހުށަހެޅުމަށް މީރާއިން އިލްތިމާސްކޮށްފި

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ރަޖިސްޓަރީކުރުމަށް ކަނޑައަޅައިފައިވާ ޝަރުތުތައް ހަމަނުވާ ފަރާތްތަކުން މީރާގެ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މިހާރު ވިޔަފާރިނުކުރާ ފަރާތްތަކާ، އެ ފަރާތަކަށް ލިބޭ އާމްދަނީއަށް ބަލާއިރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން، ނުވަތަ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުން ލާޒިމުނުވާ ގިނަ ފަރާތްތަކެއް ހިމެނޭކަމަށާއި މި ފަރާތްތަކުން ޓެކުހާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަން ޖެހުމުގެ ސަބަބުން އެކި އެކި ދަތިތައް ކުރިމަތިވަމުން ދާކަމުގެ ޝަކުވާ ލިބެމުންދާކަން މީރާއިން ފާހަގަކުރެއެވެ. އަދި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވިޔަފާރިއެއް ނުކުރިކަމުގައިވިއަސް، ޓެކްސްގެ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާނުކުރާނަމަ، ޤާނޫނުގެ ދަށުން އެފަރާތް ޖޫރިމަނާ ވަމުންދާނެތީ، ވިޔަފާރިނުކުރާ ފަރާތްތައް ރަޖިސްޓަރީން އުނިކުރުމަކީ މުހިއްމު ކަމެއްކަމުގައި މީރާއިން ފާހަގަ ކުރެއެވެ.

މިގޮތުން، ޓެކުހުގެ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރުމަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުން، ރަޖިސްޓަރީން އުނިކުރުމަށް އެދި MIRA106 ފޯމު މެދިވެރިކޮށް އެ އޮތޯރިޓީއަށް ހުށަހެޅުމަށް މިއަދު އެ އޮތޯރިޓީން ނެރެފައިވާ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް :

https://www.mira.gov.mv/announcement/IUL.220.RGS.INDIV.2019.01.pdf

 

16-01-19