މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް 6 ފަރާތެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ޣައިރު ހާޟިރުގައި ޙުކުމްކޮށްފި

ޖީ.އެސް.ޓީ ނުދައްކާ 6 ފަރާތެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ. ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، ތެއި-ހެއި ސަރވިސަސް ޕްރައިވެޓް ލިމިޓެޑް، އޯޝަން ޑައިވިންގ ޑެސްކް ޕްރައިވެޓް ލިމިޓެޑް، އޭ.އެކްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ސްޓޭންޑް ސްޓިލް ޕްރައިވެޓް ލިމިޓެޑް، އަޙްމަދު މުފީދު އަދި އުމަރު އިސްމާޢިލްގެ މައްޗަށެވެ.

ތެއި-ހެއި ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއިން ޖީ.އެސް.ޓީއާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި 1,219,578ރ (އެއް މިލިއަން ދެ ލައްކަ ނަވާރަ ހާސް ފަސް ސަތޭކަ ހަތްދިހަ އަށް ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާގެ ފައިސާ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ހުކުމްކޮށްފައިވާއިރު، އޯޝަން ޑައިވިންގ ޑެސްކް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 895,814ރ (އަށް ލައްކަ ނުވަދިހަ ފަސް ހާސް އަށް ސަތޭކަ ސާދަ ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާގެ ފައިސާ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އޭ.އެކްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 588,568ރ (ފަސް ލައްކަ އަށްޑިހަ އަށް ހާސް ފަސް ސަތޭކަ ފަސްދޮޅަށް އަށެއް ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާގެ ފައިސާ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށާއި، ސްޓޭންޑް ސްޓިލް ޕްރައިވެޓް ލިމިޓެޑްއިން ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 168,079ރ (އެއް ލައްކަ ފަސްދޮޅަސް އަށް ހާސް ހަތްދިހަ ނުވަ ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާގެ ފައިސާ 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ވެސް ސިވިލް ކޯޓުން އަމުރުކޮށްފައިވެއެވެ.

މީގެ އިތުރުން، އަޙްމަދު މުފީދުގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,421,416ރ (އެއް މިލިއަން ހަތަރު ލައްކަ އެކާވީސް ހާސް ހަތަރު ސަތޭކަ ސޯޅަ ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާގެ ފައިސާ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ޙުކުމްކޮށްފައިވާއިރު، އުމަރު އިސްމާޢިލްގެ މައްޗަށް ޙުކުމްކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 322,344ރ (ތިން ލައްކަ ބާވީސް ހާސް ތިން ސަތޭކަ ސާޅީސް ހަތަރު ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާގެ ފައިސާ 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

ގުޅުންގުރި ލިޔުންތައް:

 

19-12-18