މީރާގެ މުވައްޒަފުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި މީރާ ގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކޮށްފިއެވެ. މިއީ، މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ހިންގަމުންދާ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ. މި ގޮތުން، މި އަހަރުގެ ހަރަކާތުގައި މީރާގެ މުވައްޒަފުންގެ ފަރާތުން 50،000 އަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަނީ ފިޔަވައްޗަށް ހަދިޔާކޮށްފައެވެ.

މިއަދު ހަވީރު ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު، އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް، އުފާވެރި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. މި ހަވީރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. އަދި ފިޔަވަތީގެ ޑިރެކްޓަރ އަހުމަދު އިމާދު އަދި ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު ޝަފީގުއާއި ފިޔަވަތީގެ މުވައްޒަފުން ބައިވެރިވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން މުވައްޒަފުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މިފަދަ ގިނަ ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ. ކޮމިޝަނަރގެ ވާހަކަފުޅުގައި ފިޔަވަތީގެ މުވައްޒަފުން ކުރައްވާ މުހިއްމު އަދި ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

ފިޔަވަތީގެ ޑެޕިއުޓީ ޑިރެކްޓަރގެ ވާހަކަފުޅުގައި، މީރާއަކީ މުޖުތަމައަށް އެހީތެރިވުމުގައި ނަމޫނާ މުއައްސަސާއެއްކަން ފާހަގަކުރައްވާ ފައިވެއެވެ. އަދި މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ލިބިގެންދާ އެހީތަކަކީ މިފަދަ ތަންތަން ހިންގުމަށް ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމެއްކަން ފާހަގަކުރައްވައި މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން މުޢައްސަސާތަކުން ވެސް މިފަދަ ހަރަކާތްތައް ކުރިއައް ގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

 

 

15-12-18