ނޮވެންބަރު މަހު މީރާއިން 985.79 މިލިއަން ރުފިޔާ ބަލައިގެންފި

ނޮވެންބަރު 2018 ގައި މީރާއަށް 985.79 މިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %5.3 އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %5.2 އިތުރު އަދަދެކެވެ.

ނޮވެންބަރު މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.

ނޮވެންބަރު 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %65.3 ނުވަތަ 643.41 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސްއިންނެވެ. އެއީ %6.8 ނުވަތަ 66.94 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 57.66 މިލިއަން ރުފިޔާ (%5.8)، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 53.30 މިލިއަން ރުފިޔާ (%5.4)، އެއަރޕޯޓު ސަރވިސް ޗާޖުގެ ގޮތުގައި 52.22 މިލިއަން ރުފިޔާ (%5.3) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 112.26 މިލިއަން ރުފިޔާ )%11.4) ހިމެނެއެވެ.

ނޮވެންބަރު 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 39.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/reports/Nov18.pdf

11-12-18