2011 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި އެމް.އައި.އާރ.އޭއަށް ލިބުނު ފައިސާ %59 އަށް އިތުރުވެ، ޔޫ.އެސް ޑޮލަރުގެ ގޮތުގައި ލިބުނު ފައިސާ %72 އަށް އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެގޮތުގައި ޖުމްލަ947 މިލިޔަން ރުފިޔާ މިއޮތޯރިޓީއަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބިފައިވާ އަދަދާއި އަޅާބަލާއިރު %59 އިތުރު ޢަދަދެކެވެ. އަދި މިމުއްދަތުގެ ތެރޭގައި މިއޮތޯރިޓީއަށް މިއަހަރު ލިބޭނެކަމަށް އަންދާޒާކުރެވިފައިވާ ޢަދަދަށްވުރެ %21 އިތުރު ޢަދަދެކެވެ. މިގޮތުން ހަމައެކަނި މާރޗް މަހުގެ އާމްދަނީގެ ގޮތުގައިވެސް 407 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު އާމްދަނީގެ ތެރޭގައި 67 މިލިޔަނަށްވުރެ ގިނަ ޔޫ.އެސް ޑޮލަރު ހިމެނެއެވެ. މިއީ މިދިޔައަހަރުގެ ފުރަތަމަ ތިންމަހުގައި މިއޮތޯރިޓީއަށް ޔޫ.އެސް ޑޮލަރުން ލިބިފައިވާ އާމްދަނީ އަށްވުރެ %72 އިތުރު ޢަދަދެކެވެ. އަދި ހަމައެކަނި މާރޗް މަހުވެސް 30 މިލިޔަނަށް ވުރެ ގިނަ ޔޫ.އެސް ޑޮލަރު އާމްދަނީގެގޮތުގައި ލިބިފައިވެއެވެ.

ފެބްރުއަރީ މަހަކީ ޖެނުއަރީ މަހާއި އަޅާބަލާއިރު 3 ދުވަސް މަދު މަހަކަށްވާއިރުވެސް ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ)ގެ ގޮތުގައި 6.6 މިލިއަން ޔޫ.އެސް ޑޮލަރު ލިބިފައިވެއެވެ. މިއީ ޖެނުއަރީ މަހުގެ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ ފައިސާއަށްވުރެ %8 ދަށް ޢަދަދެއް ނަމަވެސް، މިތަފާތު އަންނާނެކަމަށް ކުރިންވެސް ލަފާކުރެވިފައިވެއެވެ. އެއީ ފެބްރުއަރީ މަހު މިޞިނާޢަތުން ވިއްކި އެނދުގެ ރޭޓުތަކާއި ދެވުނު ޚިދުމަތްތަކުގެ އަގު ޖެނުއަރީ މަހާއި އަޅާބަލާއިރު ދަށްވެފައިވާތީއެވެ. 01 ޖެނުއަރީ 2011ން ފެށިގެން ޓީ.ޖީ.އެސް.ޓީ ނަގަން ފެށުމާއިއެކު، ޓީ.ޖީ.އެސް.ޓީ ޤާނޫނުގައި ބަޔާންކުރެވިފައިވާ ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނުން ކޮންމެ މަހެއްގެ ޓެކްސް ބަޔާނާއި ދައްކަންޖެހޭ ޓެކްސް، ހުށަހަޅަންޖެހެނީ ޖެހިގެން އަންނަ މަހުގެ 28ގެ ކުރިންނެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ލިބެންޖެހޭ، ނަމަވެސް އެއްގޮތަކަށްވެސް ނުލިބޭ އާމްދަނީ ކޯޑުތަކެއް އެބަހުއްޓެވެ. އަދި މީގެ އިތުރުން، މިދިޔަ އަހަރާއި އަޅާބަލާއިރު ދިވެހި ރުފިޔާއިން ބަލައިގަންނަ ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ރަށްރަށުގެ ކުއްޔާއި ކުންފުނި ރަޖިސްޓްރީ ކުރުމުގެ ފީއާއި އަދި އެއަރޕޯޓު ސަރވިސް ޗާޖު ފަދަ ފީގެ އިތުރުން، ފިއުލް ރީއެކްސްޕޯޓު ރޯޔަލްޓީ އާއި ބޮޑުކަންނެލީގެ އެކްސްޕޯޓު ރޯޔަލްޓީ ފަދަ ޑޮލަރުން ބަލައިގަންނަ ފީތަކުން މިއަހަރުގެ މިމުއްދަތުގެ ތެރޭގައި ލިބިފައިވަނީ ގާތްގަނޑަކަށް 17 މިލިޔަން ރުފިޔާ މަދުންނެވެ. އަދި މިހެން ނުލިބިހުރި ފައިސާ ހޯދުމުގެ މަސައްކަތް މިއޮތޯރިޓީއިން ދަނީ ކުރަމުންނެވެ.

އާމްދަނީގެ ގޮތުގައި މިއޮތޯރިޓީއަށް ބަލައިގަންނަ ފައިސާގެ ތެރޭގައި ވިޔަފާރިކުރުމަށް ދޫކުރެވިފައިވާ ބިންބިމުގެ ކުއްޔާއި، ބޭންކް ޕްރޮފިޓް ޓެކްސް އާއި، ރެވެނިއު ސްޓޭމްޕް ވިއްކައިގެން ލިބޭ ފައިސާއާއި، އަދި އެއްގަމާއި ކަނޑުގައި ދުއްވާ އިންޖީނުލީތަކެތީގެ ފީ ފަދަ ފީ އަދި ޓެކްސްތައް ހިމެނެއެވެ. މީގެއިތުރުން، ޑޮލަރުން ބަލައިގަންނަ ފައިސާގެތެރޭގައި ރިޒޯޓުތަކުގެ ކުލި/ރިޒޯޓުތަކުގެ ބިމުގެ ކުލި، ޓޫރިޒަމް ޓެކްސް އަދި ޓީ.ޖީ.އެސް.ޓީ ފަދަ ޓެކްސް، ރޯޔަލްޓީ އަދި ފީތައް ހިމެނެއެވެ.

22-04-11